ނޫސްވެރިކަމުގެ މިނިވަންކަމާ އެކު ޒިންމާދާރުވުން ވެސް މުހިންމު: ނަޝީދު

ކުރީގެ ރައީސް ނަޝީދު: އެ މަނިކުފާނު ވަނީ ނޫސްވެރިކަމުގެ މިނިވަންކަމާއި ޒިންމާދާރު ނޫސްވެރިކަން ވެސް ބޭނުންތެރި ކަމަށް ވިދާޅުވެފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

ނޫސްވެރިކަމުގެ މިނިވަންކަން ބޭނުން ކަމަށާއި އެއާއެކު ނޫސްވެރިން ޒިންމާދާރުވުން ވެސް މުހިންމު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، މީޑިއާ ކޮންޓްރޯލް ބިލާ ގުޅޭގޮތުން "ހުރިހާ ސިޔާސީ ޕާޓީއެއްގެ" ބައްދަލުވުން ބާއްވަން ބޭނުންތެރި ކަމަށެވެ.

"ނޫސްވެރިކަމުގެ މިނިވަންކަން އިންތިހާއަށް ބޭނުންތެރި، ހަމައެއާއެކު ނޫސްވެރިން ޒިންމާދާރުވުން ވެސް މުހިންމު،" ނަޝީދުގެ ޕޯސްޓުގައިވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ނަޝީދު ވަނީ މީޑިއާ ކޮންޓްރޯލް ބިލު ތަސްދީގުނުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގޮވާލައްވައިފައެވެ.

މި ވަގުތު ބިލު އޮތީ ކޮމިޓީ މަރުހަލާގައެވެ. ކޮމިޓީ މަރުހަލާއަށް ފަހު ދެން އޮންނާނީ ތަޅުމުން ބިލު ފާސްކުރުމުންނެވެ. އޭގެ ފަހުން ދެ ހަފުތާގެ ތެރޭ ރައީސް ބިލު ތަސްދީގުކުރައްވަން ޖެހޭނެއެވެ. ނޫނީ މަޖިލީހަށް ބިލު އަނބުރާ ފޮނުވާލަން ޖެހޭނެއެވެ.

"ސަރުކާރުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ހަނިކުރަން މަސައްކަތްކުރުމަކީ ގައުމުގެ މިނިވަންކަމާއި ބާއްޖަވެރިކަމަށް އެޅޭ ހުރަހެއް،" އެ ދުވަހު ނަޝީދު ކުރެއްވި ޕޯސްޓުގައިވެއެވެ.

އެ މަނިކުފާނަކީ ކުރިން ނޫސްވެރިކަން ކުރެއްވި ބޭފުޅެކެވެ. އަދި، މިހާރު ވެސް ލިޔުއްވުންތަކާއި ފޮތްތައް ލިޔުއްވާ ހައްދަވާ ބޭފުޅެކެވެ.

ނަޝީދު މިފަދައިން ޕޯސްޓެއް ކުރައްވާފައިވަނީ މީޑިއާ ކޮންޓްރޯލް ބިލާ މެދު ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލް ވަކިވަކިން ހާޒިރުކޮށް އެ މުއައްސަސާތަކާ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ބައްދަލުކޮށްފައިވަނިކޮށެވެ. ބިލާ ގުޅޭގޮތުން ނޫސްތަކާ މާދަމާ ބައްދަލުކުރާއިރު، އޭގެ އަނެއް ދުވަހު ނޫސްވެރިންގެ ޖަމިއްޔާ އެމްޖޭއޭއާއި ޔޫތު މިނިސްޓްރީއާ ވެސް ކޮމިޓީން ބައްދަލުކުރާނެއެވެ.

މި ބިލާ ގުޅޭގޮތުން ބްރޯޑްކާސްޓިން ކޮމިޝަންގެ ކަންބޮޑުވުމަކީ ބިލު ހުށަހެޅުމުގެ ކުރިން އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާތީއެވެ. އެގޮތުން، އެ ކޮމިޝަންގެ ރައީސް ޞަފާ ޝަފީގު ވިދާޅުވީ، ބިލު އެކުލަވައިލުމުގައި ދިރާސާކުރަން ޖެހޭ ބައިވަރު ކަންކަން އެބަހުރި ކަމަށާއި މިހާރު އެ ބިލު އެކުލަވާލާފައިވާ އޮތް ގޮތުން، ބިލު ޑްރާފްޓުކުރުމުގެ މަރުހަލާގައި ކަމާ ގުޅޭ އެއްވެސް ފަރާތްތަކާ އެއްވެސް މިންވަރަކަށް މަޝްވަރާކުރި ކަމަށް ނުދެކޭ ކަމަށެވެ.

https://sun.mv/210673

މީޑިއާ ކައުންސިލްގެ ފަރާތުން ބުނީ، މީޑިއާ ރެގިއުލޭޓްކުރުމާ އެއްވެސް ވަރަކަށް ދެކޮޅު ނޫން ކަމަށާއި މީޑިއާ ރެގިއުލޭޓްކުރުމަށް ބޭނުންވަނީ ހަރުދަނާ ގޮތެއް ކަމަށެވެ.

މިހާރު ހުށަހަޅާފައި އޮތް މީޑިއާ ބިލު ފާސްކޮށް ބިލު ތަސްދީގުކޮށްފިނަމަ، ވަކިވަކި ނޫސްވެރިން 5،000 ރުފިޔާއާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭއިރު މީޑިއާތައް 100،000 ރުފިޔާއިން ޖޫރިމަނާކުރެވެއެވެ.

މީގެ އިތުރުން، އެ ބިލުގެ ދަށުން އުފައްދާ މީޑިއާ ރެގިއުލޭޓަރީ ކޮމިޝަނަށް ހުށަހެޅޭ މައްސަލައެއް އެއްކޮށް ބަލައި ނުނިމެނީސް މީޑިއާތަކުގެ ރަޖިސްޓްރީ ބާތިލުކޮށް ނޫސްތައް ހުއްޓުވާލުމުގެ ބާރު ވެސް އާ ގާނޫނާ އެކު އުފައްދާ ކޮމިޝަނަށް ލިބޭނެއެވެ. އަދި، އެ ކޮމިޝަނަށް ތިން މެންބަރުން އައްޔަންކޮށް, ކޮމިޝަންގެ ރައީސް ކަނޑައެޅުމުގެ ބާރު ދީފައިވަނީ ވެސް ރައީސްޖުމްހޫރިއްޔާއަށެވެ.

comment ކޮމެންޓް