ކޮންޓްރޯލް ބިލުގެ އެނަލަސިސްއަކާއި ނިޒާމުގެ ރިވިއުއެއް ހަދަން 4 މަސް ދޭން އެދެފި

ނޫސްވެރިން މަޖިލީހުގައި: އެމްޖޭއޭއިން ވަނީ ބިލުގެ އެނަލަސިސްއަކާއި ނިޒާމުގެ ރިވިއުއެއް ހަދަން ހަަތަރު މަސް ދުވަސް ދޭން އެދިފައި -- ސަން ފޮޓޯ/ މާނިއު މުހައްމަދު

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް މީޑިއާތައް 'ކޮންޓްރޯލް'ކުރާ ބިލުގެ އެނަލަސިސްއެއް ހަދައި، މިހާރު އޮތް ނިޒާމުގެ ރިވިއުއެއް ހަދަން ހަތަރު މަސް ދުވަސް ދޭން ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ)އިން އިއްޔެ އެދެފިއެވެ.

ސަރުކާރާ ގުޅުން ބޮޑު، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހައްނާން އަބޫބަކުރު ވަނީ މީޑިއާ 'ކޮންޓްރޯލް' ބިލެއް ހުށަހަޅާފައެވެ. މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އެ ބިލުގެ މަސައްކަތް ފަށާފައިވާއިރު، އިއްޔެ ވަނީ މީޑިއާތަކާ ބައްދަލުކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެ ކޮމިޓީގައި ވާހަކަދެއްކި ހުރިހާ މީޑިއާއަކުން ވަނީ ބިލަށް ދެކޮޅު ހަދާފައެވެ.

ކޮމިޓީއަށް ފަހު އިއްޔެ ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމްޖޭއޭގެ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު ޖުނައިދު ވިދާޅުވީ، އަވަސް އަރުވާލައިގެން މި ބިލު ފާސްކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި، ބިލާ ގުޅޭ ގޮތުން ވާހަކަދެއްކި ހުރިހާ ނޫސްވެރިންހެން ބިލު ބޭރުކުރަން ގޮވާލިކަން އޭނާ ވެސް ފާހަގަކުރެއްވިއެވެ.

"އެމްޖޭއޭގެ ފަރާތުން ސިޓީއަކުން މިހާރު ކޮމިޓީއަށް އެދިފައިވާނެ، މަދުވެގެން ހަތަރު މަސް ދުވަހުގެ މުއްދަތު ދިނުމަށް،" އޭނާ ވިދާޅުވިއެވެ.

"މިހާރު މިއޮތް ރެގިއުލޭޓަރީ ނިޒާމުގެ ރިވިއުއެއް ހެދުމާ އެކީގައި މިހާރު ހުށަހަޅާފައި އޮތް ބިލުގެ އެނަލަސިސްއަކާ އެކީގައި އެމްޖޭއޭގެ ފަރާތުން ރެކޮމެންޑޭޝަންސް ކޮމިޓީއަށް ގެންނަން. އެހެންވީމާ އަޅުގަނޑުމެންގެ އުންމީދަކީ އަނެއްކާ ވެސް ހަމަ ކޮމިޓީން އެ ފުރުސަތު ދޭނެކަމަށް،"

https://sun.mv/210744

ޖުނައިދު ވިދާޅުވީ، ރަނގަޅަށް މިކަން ކުރެވެން އޮއްވާ ގޯސްކޮށް ކަންތައްތައް ދާން ޖާގަނުދޭން އެދޭ ކަމަށެވެ.

ބިލާ ގުޅޭ ގޮތުން އާންމުންގެ ޚިޔާލު ހޯދާނީ 10 ދުވަހަށް ކަމަށާއި މީޑިއާތަކާ މަޝްވަރާކުރާނީ ތިން ދުވަހު ކަމަށް، ބިލު ދިރާސާކުރާ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މީގެ ކުރިން ވަނީ ފާސްކޮށްފައެވެ.

ބިލަށް އިއްޔެ ޚިޔާލު ހުށަހެޅި ގިނަ މީޑިއާތަކުން ވަނީ ބިލު ބޭރުކޮށްލަން އެދިފައެވެ.

ހައްނާން ހުށަހެޅުއްވި ބިލުގައި އޮތީ ކީކޭ؟

  • މޯލްޑިވްސް މިޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނެއް އުފެއްދުން
  • ކޮމިޝަންގައި ރައީސް އައްޔަންކުރައްވާ ތިން މެންބަރުން ތިއްބަވާނެ
  • ބާކީ ހަތަރު މެންބަރުން އިންތިޚާބުކުރާނީ މީޑިއާތަކުން
  • ކޮމިޝަންގެ ރައީސް އައްޔަންކުރައްވާނީ ރައީސް
  • ކޮމިޝަނުން އަންގާ ކަމެއް އިސްލާހުނުކޮށްފި ނަމަ 5،000 އާއި 25،000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް
  • ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ 100،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ
  • މައްސަލައެއް ބަލަން ފަށައި ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު ކޮމިޝަނަށް ލިބޭ
  • ކޯޓު މަރުހަލާ ނުނިމެނީސް، ނޫހުގެ ރަޖިސްޓްރީ ބާތިލުކުރެވޭނެ
  • ނޫސްތަކުގެ ވެބްސައިޓް ބްލޮކްކޮށް، ޓިވީ ބްރޯޑްކާސްޓް ހުއްޓުވުމުގެ ބާރު ކޮމިޝަނަށް
  • ކޮމިޝަން އުފެދުމުގެ އަހަރެއް ކުރިން ހިނގި ކަންކަން ވެސް ކޮމިޝަނަށް ބެލޭނެ

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީޑިއާ ކޮންޓްރޯލް ކުރަން ޝައުގެއް ނެތް ކަމަށާއި އެ މަނިކުފާނަށް ބާރުތައް ނުލިބޭ ގޮތަށް ބިލު ފާސްކުރަން ޕީއެންސީގެ މެންބަރުންނަށް އަންގަވާފައިވާ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ. އެކަމަކު، ބިލު ބޭރުކޮށްލާނެ ކަމަކަށް ވިދާޅެއް ނުވެއެވެ.

comment ކޮމެންޓް