ބައެއް ލިޔެކިޔުންތައް ގެއްލި، މައްސަލަ ބޮޑުވެފައި އޮތް މާލޭ ސިޓީ ކައުންސިލުން ދޫކުރި ތައްގަނޑެއް، އެ ތަނުގައި އޮތް ތައްގަނޑެއް، ނެތް ތައްގަނޑެއް އެއްވެސް އެއްޗެއް އެނގެން ނެތި ބޮޑު 'އަރަތަކަށް' ވެއްޖެއެވެ.
މި ފަހުން ވަނީ މާލޭ މަސް މާރުކޭޓު ހަދަން ދެ ބަޔަކަށް ހަވާލުކުރި މައްސަލައެއް ފެންމަތިވެފައެވެ.
މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު މޭޔަރަކަށް ހުންނެވިއިރު, ސިޓީ ކައުންސިލުން މަސް މާރުކޭޓު ހަދަން ބަޔަކާ 6.1 މިލިއަން ޑޮލަރަށް ހަވާލުކޮށްފައި އޮއްވައި ފަހުން, އެހެން ބަޔަކަށް ތިން މިލިއަން ޑޮލަރު އަގުބޮޑުކޮށް، 9.6 މިލިއަން ޑޮލަރަށް އެ އެއްބަސްވުން ހެދިކަން ވަނީ ހާމަވެފައެވެ. ފަހުގެ އެއްބަސްވުން ހަދާފައިވަނީ, ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމުން, މޭޔަރެއް ނެތި ސިޓީކައުންސިލް ހިންގަމުން ދިޔަ ދުވަސްވަރުއެވެ. އެ ދުވަސްވަރު އެ ކައުންސިލްގެ ވެރިއަކަށް ހުންނެވީ ޑެޕިއުޓީ މޭޔަރަކަށް އޭރު ހުންނެވި, އަދި މިހާރު މި ސަރުކާރުގައި ވަޒީރެއްގެ ފެންވަރުގައި ހުންނެވި އަޙްމަދު ނަރީޝްއެވެ. ފަހުގެ އެއްބަސްވުމުގެ އެއްވެސް ލިޔެކިޔުމެއް ފެންނަން ނެތުމުން ބޮޑު 'އޮޅުންބޮޅުން' ގަނޑެއް ވަނީ ފެންމަތިވެފައެވެ.
'ސަން'ގެ ބާރުހަތަރެއް ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މާލޭ ސިޓީ ކައުންސިލްގެ ތައްގަނޑުތަކަށް 'ވާނުވާ'އެއް ވެސް އެނގެން ނެތް ކަމަށެވެ. އެހެންވެ، އެ ތައްގަނޑު ބޭނުންކޮށްގެން ގޯސްތަކެއް ނުހަދާ ކަމެއް ވެސް ނުވަތަ ނޫން ކަމެއް ވެސް އެނގެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ތަނުގައި ކިތައް ތައްގަނޑު ކަމެއް ހަދާފައި އޮތީއަކީ، އަދި މި ތަނުން ކޮން މީހުންނަކަށް ކަމެއް ތައްގަނޑު ދޫކޮށްފައި އޮތީ އެނގޭކަށް ނެތް. އެއީ، ގާނޫނީ ގޮތުން ވެސް މައްސަލައެއް،" އާޒިމް ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

މޭޔަރު އާޒިމް: އޭނާ ވިދާޅުވީ، ކައުންސިލްގެ ތައްގަނޑަށް ވާނުވާ ނޭނގޭ ކަމަށް -- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް
މޭޔަރު ވިދާޅުވީ، ސިޓީ ކައުންސިލުގައި އޮތީ ކިތައް ތައްގަނޑު ކަމާއި އެ ދޫކުރީ ކިތައް މީހުންނަށްކަން ކައުންސިލް ހިންގަން ތިއްބެވި ބޭފުޅުންނަށް އެނގިވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ. އެކަމަކު، އެއިން އެއްވެސް ކަމެއް ލިޔެކިޔުމުން ފެންނަން ނެތުމުން އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރެއްވާފައެވެ.
ވެރިރަށް މާލޭގެ ސިޓީ ކައުންސިލް އޮތީ އިދާރީ ގޮތުން ވަރަށް ބަލިކަށިކޮށް ކަމަށް މޭޔަރު ވިދާޅުވިއެވެ.
"މި އެއްޗެހިތައް މި ތަނުގައި އެނގޭކަށް ނެތް. ވަރަށް ބޮޑަށް އިދާރީ ގޮތުން ބަލިކަށިވެފައި އޮތް ތަނެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަވެގެން މި ދަނީ،" ކަންބޮޑުވުމާ އެކު އޭނާ ވިދާޅުވިއެވެ.
އެހެންވެ، އާޒިމް ވިދާޅުވީ، މާލޭ ސިޓީ ކައުންސިލްގެ އާ ތައްގަނޑެއް ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެ މަސައްކަތް މި ހަފުތާ ނޫނީ އަންނަ ހަފުތާގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އޭނާ ލަފާކުރައްވައެވެ. އޭރުން ކުރިން ބޭނުންކުރި ތައްގަނޑު އުވާލައި، އެ ބޭނުންނުކުރާކަން އިއުލާނުކޮށް، އާ ތައްގަނޑު ބޭނުންކުރަން ފަށާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
މޭޔަރު ވިދާޅުވީ، 'ވާނުވާ' ނޭނގޭ ތައްގަނޑު ބޭނުންކޮށްގެން ކަމެއް ކޮށްފައިވާކަން ނުވަތަ ނޫންކަން އެނގޭނީ ތަހުގީގީ އިދާރާތަކުން ބެލީމާ ކަމަށެވެ.
"މިސާލަކަށް ބުނަންޏާމުން އަޅުގަނޑުމެން މި ބުނަނީ، މަސް މާރުކޭޓު މައްސަލައިގައި އެބައޮތޭ ދެ ފަރާތަށް ކޮންޓްރެކްޓް ދީފައި. ދެވަނަ ފަރާތަށް ކޮންޓްރެކްޓް ލިބުނު ގޮތެއް އެނގޭކަށް ނެތޭ. އެހެންވީމާ ޝައްކު އެބަ އުފެދޭ، ފަހަރެއްގައި މި ކޮންޓްރެކްޓަކީ އެ ފަދަ ކޮންޓްރެކްޓަކަށް ވެދާނެ ކަމަށް ވެސް،" އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑަކަށް ސީދާ ބުނާކަށް ނުކެރޭނެ، އެހެންނަމަވެސް އެ މީހުންނަށް އެ ކޮންޓްރެކްޓް ލިބުނު ގޮތެއް އަޅުގަނޑުމެންނަކަށް އަދި ނެތް ފެންނާކަށެއް. ހައްގުތައް ބަދަލުވި ގޮތެއް ވެސް، އަދި ކޮންޓްރެކްޓް ލިބުނީ ކިހިނެއް ކަމެއް ވެސް އެނގޭކަށެއް ނެތް،"
އާޒިމް ވިދާޅުވީ، އެހެންވެ މިހާރު ސިޓީ ކައުންސިލްގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ވަރަށް ބޮޑަށް ބަލައިގެން ކަމަށެވެ. ޚާއްސަކޮށް ކޮންޓްރެކްޓްތަކާ ގުޅޭ ގޮތުން ވަރަށް ބޮޑަށް ބަލަމުން އަންނަ ކަމަށާއި އެ ކަން ލީގަލް ޓީމުން މިހާރު ވެސް ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި، އެ ކައުންސިލްގެ އޮޑިޓެއް ހަދައި، ކޮންޓްރެކްޓްތަކުގެ އެންމެހައި ކަންކަން ބަލަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.
"މި ތަނުން ދިން ތައްގަނޑެއް، އޮތް ތައްގަނޑެއް، ނެތް ތައްގަނޑެއް ނޭނގޭތީ އެއީ ހުރި ވަރަށް ބޮޑު ކަންބޮޑުވުމެއް އިދާރީ ހުރިހާ މުވައްޒަފުންގެ ވެސް،" ސިޓީ ކައުންސިލް އޮތް ހާލަތު އޭނާ ކިޔައިދެއްވިއެވެ.
މި މައްސަލަ ފެންމަތިވުމުން ނަރީޝް ވަނީ މަސް މާރުކޭޓު މައްސަލައިގައި ވެސް ހުރިހާ ލިޔެކިޔުމެއް ހުންނަންޖެހޭނެ ކަމަށާއި އެ ނެތުން އެއީ އިދާރީ މައްސަލައެއް ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ފަހުން ނަރީޝް ވަނީ ޑެޕިއުޓީ މޭޔަރުކަމުން އިސްތިއުފާދެއްވައި، މިނިސްޓަރު ފެންވަރުގައި ޔޫތު މިނިސްޓްރީގެ އެޑްވައިޒަރެއްގެ މަގާމަށް ވަޑައިގެންފައެވެ. އެއީ، ރައީސް އައްޔަންކުރައްވާ މަގާމެކެވެ.
މަސް މާރުކޭޓު ހަދަން އަގުބޮޑުކޮށް ބަޔަކާ ހަވާލުކުރި އެއްބަސްވުމުގެ ވެސް 'ވާނުވާ'އެއް ނޭނގޭއިރު އެ އެއްބަސްވުން ކުރިއަށް ގެންގޮސްފި ނަމަ، މިހާރު ވަޅޯމަސް މާރުކޭޓު ހުރި ބިން ކައުންސިލަށް ގެއްލުމުގެ ބިރު އެބައޮތް ކަމަށް މޭޔަރު މީގެ ކުރިން ވިދާޅުވިއެވެ. އެހެންވެ، އެއްބަސްވުމުގެ ކަންކަން ގާނޫނީ ޓީމުން ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
މޭޔަރުކަމުގައި ރައީސް ހުންނެވިއިރު ސިޓީ ކައުންސިލްގެ ތެރެއިން 'ގޯސްތަކެއް' ހެދި ކަމަށް މީގެ ކުރިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަރަށް ބޮޑަށް ތުހުމަތުކުރެއްވިއެވެ. އެކަމަކު، އެ ތުހުމަތުތައް ސަރުކާރުން ދޮގުކުރެއެވެ.