އަބްދުއްރަހީމަށް އަހަރެއް ތެރޭ ހަދިޔާގެ ގޮތުގައި މިލިއަނެއްހާ ރުފިޔާ

މަޖިލީހުގެ ރައީސް އަބްދުއްރަހީމް: އެ މަނިކުފާނަށް އަހަރެއް ތެރޭ ހަދިޔާގެ ގޮތުގައި މިލިއަނެއްހާ ރުފިޔާ ލިބިވަޑައިގެން -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެން ފަހުން ފާއިތުވި އެއް އަހަރު ދުވަސް ތެރޭގައި އަބްދުއްރަހީމް އަބްދުﷲއަށް ހެޔޮ އެދޭ ފަރާތްތަކުން 'ހަދިޔާ'ގެ ގޮތުގައި މިލިއަނެއްހާ ރުފިޔާ ދިންކަން ހާމަވެއްޖެއެވެ.

މަޖިލީސް މެންބަރުންގެ މާލީ ބަޔާންތައް ވަނީ ހާމަކޮށްފައެވެ. އެއީ، މޭ 28، 2024 އިން ފެށިގެން މި އަހަރުގެ މޭ 27 އަށްވާ އެއް އަހަރު ދުވަހުގެ މާލީ ބަޔާނެވެ.

އަބްދުއްރަހީމްގެ މާލީ ބަޔާނުން އެނގޭ ގޮތުގައި އެ މަނިކުފާނަށް ހެޔޮ އެދޭ ފަރާތްތަކުން އެކިއެކި ކަންކަމަށް 958،982.48 ރުފިޔާ ވަނީ ދީފައެވެ. އެއީ، 12 މަސް ދުވަހަށް ބަހާލުމުން މަހެއްގެ މައްޗަށް 79،900 ރުފިޔާއަށް ވުރެ ބޮޑު އަދަދެކެވެ.

އެއީ، ދަތުރުފަތުރުކުރުމަށާއި ކްރެޑިޓް ކާޑުތަކަށް ފައިސާ ދައްކަން ލިބުނު ފައިސާގެ ގޮތުގައި މާލީ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

މާލީ ބަޔާނުން އެނގޭ ގޮތުގައި އެ މަނިކުފާނަށް މުސާރައާއި އިނާޔަތުގެ ގޮޮތުގައި އަހަރެއްގެ ތެރޭ ލިބިވަޑައިގަތީ 658،894.95 ރުފިޔާއެވެ. އެއީ، މަހެއްގެ މައްޗަށް ގާތްގަނޑަކަށް 59،400 އެއްހާ ރުފިޔާއެވެ.

https://sun.mv/210806

އެ މަނިކުފާނަށް މުސާރައާއި އިނާޔާތާއި 'ހަދިޔާ' ފިޔަވާ އިތުރު އެއްވެސް އެއްޗެއް ލިބިވަޑައިނުގަންނަވާ ކަމަށް މާލީ ބަޔާނުގައިވެއެވެ. އަދި، އެ މަނިކުފާނުގެ ނަންފުޅުގައި ހައްދަވާފައިވަނީ އެންމެ އެކައުންޓެކެވެ. ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައިވާ އެ އެކައުންޓުގައި ޖުލައި ދެވަނަ ދުވަހާ ހަމައަށް 101،698.21 ރުފިޔާ ހުއްޓެވެ.

އަބްދުއްރަހީމްގެ ހުންނަނީ އުފަންރަށް، ލ. ފޮނަދޫގައި ހުރި އަމިއްލަ ގެކޮޅުގެ އިތުރުން އެއް އެޕާޓްމަންޓެވެ. ގެކޮޅުގެ އަގު ފަސް މިލިއަން ރުފިޔާއަށް އަރާއިރު އެޕާޓްމަންޓްގެ އަގަކީ 4.5 މިލިއަން ރުފިޔާއެވެ. މާލީ ބަޔާނުގައި ވާގޮތުން، އެ އެޕާޓްމަންޓް ބައްލަވައިގަތީ އެއްކޮށްފައި ހުރި ފައިސާއިންނާއި، ހެޔޮ އެދޭ ފަރާތްތަކުގެ އެހީތެރިކަމާއި، ހެޔޮ އެދޭ ފަރާތްތަކުން ދިން ލޯނުންނެވެ. އެ އެޕާޓްމަންޓް ބައްލަވައިގަތީ 2017 ވަނަ އަހަރެވެ. އެއީ، ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގެ ދުވަސްވަރެވެ.

މީގެ އިތުރުން، އެ މަނިކުފާނުގެ ނަންފުޅުގައި އެއް ސައިކަލު ރަޖިސްޓްރީކޮށްފައިވެއެވެ. އެއީ، 67،000 ރުފިޔާއިން އަގުކޮށްފައިވާ ސައިކަލެކެވެ. އަދި، 3.5 މިލިއަން ރުފިޔާއިން އަގުކޮށްފައިވާ 'އަރަފާ އެކްސްޕްރެސް' ކިޔާ ބޯޓެއް ވެސް އެބައޮތެވެ.

އެ މަނިކުފާނުގެ ނަންފުޅުގައި އިތުރު މުދަލެއް ނެތެވެ. އަދި، ލޯނެއް، ދަރަންޏެއް ވެސް ނެތެވެ. އެންމެ ފަހުގެ ސްޓޭޓްމަންޓުން ދައްކާ ގޮތުގައި އެ މަނިކުފާނުގެ ބީއެމްއެލް ކްރެޑިޓް ކާޑުން ވެސް 3،680.04 އެމެރިކާ ޑޮލަރު ބޭނުންކޮށްފައިވެއެވެ.

https://sun.mv/202005

ފާހަގަކޮށްލެވޭ ގޮތުގައި، މި ސަރުކާރުގެ ކުރީކޮޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި ފާހަގަވީ އަބްދުއްރަހީމެވެ. އޭރު، އެންމެ ބޮޑަށް ސަރުކާރު ދިފާއުކުރައްވައި، އެންމެ ނުފޫޒު ގަދަ ބޭފުޅެއްގެ ގޮތުގައި ވެސް ފެނިވަޑައިގަތީ އެ މަނިކުފާނެވެ. އެ މަނިކުފާނުގެ ދަރިކަލުން އިބްރާހިމް ފައިސަލް އޭރު ހުންނެވީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައެވެ.

އެކަމަކު، ފަހުން ފައިސަލް ވަނީ އެ މަގާމުން ވަކިކޮށްފައެވެ. އަދި، އަބްދުއްރަހީމާ ގުޅުން އޮންނަ އެހެން ބައެއް ބޭފުޅުން ވެސް މަގާމުތަކުން ދުރުކުރިއެވެ. އެ މަނިކުފާނު ވަނީ ރައީސާ އެކު ކުރިން އޮތް ގުޅުން އެ ގޮތުގައި ނެތް ކަމަށް އެއްބަސްވެލައްވާފައެވެ.

އެ ފަހުން ކުރިން އުޅުއްވިހާ ވަރުގަދައަށް އަބްދުއްރަހީމް ސިޔާސީ ކަންކަމެއްގައި ނޫޅުއްވައެވެ.

comment ކޮމެންޓް