މާލޭގައި މިދިޔަ މަހު ކާތަކެތީގެ އަގުތައް، އޭގެ ކުރީ މަހާ އަޅައިބަލާއިރާއި މިދިޔަ އަހަރުގެ އޮގަސްޓު މަހާ އަޅައިބަލާއިރު ވެސް އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ.
މާލޭގައި ޒަރޫރީ ތަކެތީގެ އަގުތަކަށް މިދިޔަ މަހު އައި ބަދަލުތަކާ ގުޅޭ ގޮތުން ސްޓެޓިސްޓިކްސް ބިއުރޯއިން އެކުލަވައިލައިފައިވާ އެސެންޝަލް ކޮމޯޑިޓީސް ޕްރައިޒް އިންޑެކްސް އިއްޔެ އާންމުކޮށްފައިވާއިރު، އެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ މަހު ޒަރޫރީ ތަކެތީގެ އަގުތައް ވަނީ އުފުލިފައެވެ.
އެ ތަފާސްހިސާބުގައިވާ ގޮތުން، މި އަހަރުގެ ޖުލައި މަހުން އޮގަސްޓު މަހަށް، ޒަރޫރީ ތަކެތީގެ އަގު ވަނީ 1.19 ޕަސެންޓް އިތުރުވެފައެވެ. އަދި މިދިޔަ އަހަރުގެ އޮގަސްޓު މަހާ އަޅައިބަލާއިރު މިދިޔަ މަހު އަގުތައް ހުރީ 1.92 ޕަސެންޓް އުފުލިފައެވެ.
އޭގެ ތެރެއިން ކާތަކެއްޗަށް ބަލާއިރު، ޖުލައި މަހުން އޮގަސްޓު މަހަށް އަގުތައް ވަނީ 1.62 ޕަސެންޓް އިތުރުވެފައެވެ. އަދި މިދިޔަ އަހަރުގެ އޮގަސްޓު މަހާ އަޅައިބަލާއިރު ފަރަގު ބޮޑުވެ، އަގުތައް ވަނީ ދެ ޕަސެންޓް އިތުރުވެފައެވެ.
އެ ތަފާސްހިސާބުގައިވާ ގޮތުން އެންމެ ބޮޑަށް އުފުލިފައިވަނީ މޭވާގެ އަގެވެ. އެގޮތުން މަހުން މަހަށް 6.13 ޕަސެންޓުގެ އިތުރުވުމެއް އައިއިރު، މިދިޔަ އަހަރާ އަޅައިބަލާއިރު 10.2 ޕަސެންޓުގެ އިތުރުވުމެއް ދައްކައެވެ.

މީގެ ކުރިން އާފަލެއްގެ އަގު ފަސް ރުފިޔާގައި: އާފަލާއި އެހެނިހެން ކާތަކެތީގެ އަގު ވެސް އަންނަނީ އުފުލެމުން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
ތަރުކާރީގެ އަގަށް ބަލާއިރު، މިދިޔަ ޖުލައި މަހުން އޮގަސްޓު މަހަށް 2.23 ޕަސެންޓަށް އަގުތައް އުފުލުނެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު، މިދިޔަ މަހު ތަރުކާރީގެ އަގު ވަނީ 6.32 ޕަސެންޓް ދަށްވެފައެވެ.
އެހެނިހެން ބައެއް ކާބޯތަކެތީގެ އަގުތަކަށް އައި ބަދަލަށް ބަލާއިރު:
ކިރާއި ކިރުން ތައްޔާރުކުރާ ތަކެއްޗާއި ބިސް
- ޖުލައި މަހުން އޮގަސްޓު މަހަށް: 0.53 ޕަސެންޓުގެ އިތުރުވުމެއް
- އޮގަސްޓު 2024އިން އޮގަސްޓު 2025އަށް: 4.04 ޕަސެންޓުގެ އިތުރުވުމެއް
މަސް
- ޖުލައި މަހުން އޮގަސްޓު މަހަށް: 0.72 ޕަސެންޓުގެ އިތުރުވުމެއް
- އޮގަސްޓު 2024އިން އޮގަސްޓު 2025އަށް: 0.49 ޕަސެންޓުގެ އިތުރުވުމެއް
އެއްގަމު މަހުގެ ބާވަތްތައް
- ޖުލައި މަހުން އޮގަސްޓު މަހަށް: 0.78 ޕަސެންޓުގެ ދަށްވުމެއް
- އޮގަސްޓު 2024އިން އޮގަސްޓު 2025އަށް: 0.01 ޕަސެންޓުގެ ދަށްވުމެއް
ސްޓެޓިސްޓިކްސް ބިއުރޯއިން ބުނެފައިވާ ގޮތުގައި، ޒަރޫރީ ތަކެތީގެ އަގުތަކަށް އަންނަ ބަދަލުތަކުގެ އިންޑެކްސް އެކުލަވައިލަނީ 96 އުފެއްދުމެއް ހިމެނޭ ގޮތަށް، ކޮންމެ މަހަކު 2،000އަށް ވުރެ ގިނަ ޕްރައިޒް ކޯޓޭޝަންތަކަށް ބަލައިގެންނެވެ. އެ އިންޑެކްސް އެކުލަވައިލުމުގައި އެންމެ ބޮޑަށް ބަލަނީ ކާތަކެތީގެ އަގަށް ކަމަށްވާއިރު، ތަފާތު ބުއިންތަކާއި އާންމު ދިރިއުޅުމުގައި ބޭނުންކުރާ ސައިބޯނި ފަދަ 'ޕާސަނަލް ކެއާ' ޕްރޮޑަކްޓްތަކުގެ އަގުތަކަށް އަންނަ ބަދަލު ވެސް ހިމަނައިފައިވެއެވެ.
ސްޓެޓިސްޓިކްސް ބިއުރޯއިން ތަކެތީގެ އަގުތައް އުފުލޭވަރު ބެލުމަށް 'ކޮންޒިއުމާ ޕްރައިޒް އިންޑެކްސް (ސީޕީއައި)'ގެ ނަމުގައި ވެސް ތަފާސްހިސާބު އާންމުކުރާއިރު، އޭގެ އިތުރަށް، އަސާސީ ކާބޯތަކެތީގެ އަގުތައް ދެނެގަތުމަށް ޚާއްސަ، އެސެންޝަލް ކޮމޮޑިޓީ ޕްރައިޒް އިންޑެކްސް ތައާރަފުކުރަން ނިންމާފައިވާކަން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިއުލާންކުރެއްވީ މިދިޔަ މަހެވެ.
ސައީދު ވިދާޅުވީ އެ އިންޑެކްސްގެ ތެރެއިން، އާންމުކޮށް ގޭބީސީތަކުން ބޭނުންކުރާ ބާވަތްތަކުގެ އަގުތައް ދެނެގަނެވި، އަގުތައް ކޮންޓްރޯލްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަގުފަހިވާނެ ކަމަށެވެ.
ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށްވާއިރު، ކާބޯތަކެތީގެ އަގު، ޚާއްސަކޮށް މޭވާއާއި ތަރުކާރީގެ އަގު އަތްނުފޯރާ ފަށަށް އަރަމުންދާ ކަމުގެ ކަންބޮޑުވުން އޮތީ އިތުރުވެފައެވެ.
ޚާއްސަކޮށް ދިވެހީން އެންމެ ގިނައިން ކާން ބޭނުންކުރާ އާފަލާއި އޮރެންޖުގެ އަގު އުފުލި، ކެފޭ ރެސްޓޯރެންޓުތަކުން ވެސް އަގުތައް ބޮޑުވަމުން އަންނަކަން ތަފާސްހިސާބުން ދައްކައެވެ.