ޒަމީރާ ބައްދަލުނުވުމުން މުޒާހަރާ ހޫނުވެއްޖެ: 'ދޮރު ހުޅުވާ، ނުފިލޭނެ'

އެމްޑީޕީން ފިނޭންސް ދޮރުމަތީ: އެ އިހުތިޖާޖު ވަނީ ހޫނުވެފައި -- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހަފީޒް

އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕު (ޕީޖީ)އަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާ ބައްދަލުނުކުރެއްވުމުން އެ ޕާޓީގެ މެންބަރުން މިއަދު ފިނޭންސް މިނިސްޓްރީ ކުރިމަތީ ކުރަމުން އައި އިހުތިޖާޖު ހޫނުވެއްޖެއެވެ.

މާލީ ކަންކަމާ މެދު ކަންބޮޑުވުން ފާޅުކުރަން އެމްޑީޕީން އަންނަނީ ފިނޭންސް ކުރިމަތީ އިހުތިޖާޖުކުރަމުންނެވެ.

އެމްޑީޕީގެ ޕީޖީ މެންބަރުން ވަނީ ޒަމީރާ ބައްދަލުކުރަން އެދިވަޑައިގެންފައެވެ. އެ މެންބަރުން މިނިސްޓްރީއަށް ވަދެވަޑައިގަންނަވަން އުޅުއްވި ނަމަވެސް އެ ތަނަށް ވަންނަން ހުއްދަ ދީފައެއް ނުވެއެވެ. އެހެންވެ، އިހުތިޖާޖު މިހާރު ވަނީ ހޫނުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފިނޭންސް މިނިސްޓަރާ ބައްދަލުނުކުރެވުމުން އިހުތިޖާޖުގެ ބައިވެރިން ވެސް ވަނީ ފިނޭންސްގެ ދޮރު ދޮށަށް ގޮސްފައެވެ. އެ މީހުން އަންނަނީ 'ހުޅުވާ ހުޅުވާ' ގޮވައި، 'ނުފިލޭނެ' ކަމަށް ގޮވަމުންނެވެ. އަދި، އިހުތިޖާޖުގެ ބައިވެރިން އަންނަނީ ފިނޭންސް މިނިސްޓަރު ޒަމީރުގެ އިސްތިއުފާއަށް ވެސް ގޮވާލަމުންނެވެ.

އެމްޑީޕީގެ މަޖިލީސް މެންބަރުން ފިނޭންސް މިނިސްޓަރާ ބައްދަލުކުރަން ވަޑައިގެންނެވި ނަމަވެސް ފުލުހުން އަންނަނީ އެ މެންބަރުން ފިނޭންސް މިނިސްޓްރީއަށް ވަންނަން ހުރަސްއަޅަމުންނެވެ. އެއްވުން ހޫނުވީ އެހެންވެއެވެ.

އެކަމަކު، ވަކި ހިސާބަކުން އެ ޕާޓީގެ ބައެއް މަޖިލީސް މެންބަރުން ވަނީ ފުލުހުން ހުރަސް އަޅަމުން އަންނަނިކޮށް ގަދަކަމުން ފިނޭންސް މިނިސްޓްރީ ތެރެއަށް ވަދެގައިންފައެވެ. އެ މެންބަރުންނަށް މިނިސްޓްރީ ތެރެއަށް ވަދެވުމުން އެއްވުމުގެ ބައިވެރިން ވެސް ވަނީ ފަހަތަށް ޖެހިފައެވެ. އެއްވުމުގެ ބައިވެރިން ފަހަތަށް ޖެހި މިހާރު ތިބީ މަގުގެ އަނެއް ފަޅީގައި އަޑު އުފުލާށެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ މެންބަރުން މިއަދު ކަންބޮޑުވުން ފާޅުކުރަމުން އަންނަނީ މާލީ ހާލަތާ ގުޅިގެންނެވެ.

އެ ޕާޓީން ފާޅުކުރަމުން އަންނަ މައިގަނޑު ކަންބޮޑުވުންތަކުގެ ތެރޭގައި ހިމެނެނީ ޑޮލަރުގެ އަގު ބޮޑުވުމާއި ސަރުކާރުން ވިޔަފާރިތަކަށް ދޭންޖެހޭ އެތައް ބިލިއަން ރުފިޔާއެއް ނުދީ އޮތުމެވެ. އަދި، ތަކެތީގެ އަގު އިންތިހާއަށް ބޮޑުވުމާއި އާންމުން ނިކަމެތިވެއްޖެ ކަމަށް ބުނެ ވެސް އިހުތިޖާޖުގެ ބައިވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރާއްޖޭގެ މާލީ ހާލަތު ގޯސްއިރު އާންމު ކުންފުނިތަކަށް އެތައް ބިލިއަން ރުފިޔާއެއް ދަރާފައި އެބައޮތެވެ.

އެ ފައިސާގެ ތަފުސީލު ސަރުކާރުން ހާމައެއް ނުކުރެއެވެ. އެކަމަކު، އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ގާތްގަނޑަކަށް 14 ބިލިއަން ރުފިޔާ ނުދީ އެބައޮތެވެ. އެ ފައިސާއަކީ މިދިޔަ ރޯދައިގެ ކުރިން ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި އޮތް ފައިސާއެވެ.

ރާއްޖެއަށް މާލީ ދަތިކަން ބޮޑުވީ ދަރަނީ ބޮޑުވެގެންނެވެ. މި އަހަރު ދަރަންޏަށް 600 މިލިއަނެއްހާ ޑޮލަރު ދައްކަންޖެހޭއިރު އަންނަ އަހަރު އެ އަދަދު 1.1 ބިލިއަން ޑޮލަރަށް އަރާނެއެވެ. އެކަމަކު، ސަރުކާރުން އަންނަނީ ދަތިކަމުން އަރައިގަނެވޭނެކަމުގެ ޔަގީންކަން ދެމުންނެވެ.

comment ކޮމެންޓް