ތަރައްގީގެ ޕްލޭން ހަދަން ނެކްސިއާއާ ހަވާލުކުރީ 17.9 މިލިއަން ރުފިޔާއަށް

20 އަހަރުގެ ތަރައްގީގެ ޕްލޭނާ ގުޅޭގޮތުން ނެކްސިއާ މޯލްޑިވްސް އާ ޕްލޭނިން މިނިސްޓްރީން ބައްދަލުކުރަނީ: އެ މިނިސްޓްރީން ނެކްސިއާއަށް މަސައްކަތް ހަވާލުކުރީ ގާތްގަނޑަކަށް 18 މިލިއަން ރުފިޔާއަށް -- ފޮޓޯ: ނެކްސިއާ މޯލްޑިވްސް / ފޭސްބުކް

"ވިލުންތެރި ރާއްޖެ 2045"ގެ ނަމުގައި ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލަން އަމިއްލަ ކޮންސަލްޓަންސީ ކުންފުންޏެއް ކަމަށްވާ ނެކްސިއާ މޯލްޑިވްސްއާ ހަވާލުކުރީ 17.9 މިލިއަން ރުފިޔާއަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން ގާނޫނީ ވަކީލު އަޙްމަދު މައުރޫފް މައުލޫމާތަށް އެދި ހުށަހެޅުމުން ދިން ޖަވާބުގައި ފިނޭންސް މިނިސްޓްރީން ބުނީ، ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތްކުރުމަށް ތިން ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކުރި ކަމަށެވެ. އެއީ، ނެކްސިއާގެ އިތުރުން ސީޑިއީ ޕްރައިވެޓް ލިމިޓެޑާއި ރިޔަން ޕްރައިވެޓް ލިމިޓެޑެވެ.

ފިނޭންސް މިނިސްޓްރީން ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، އެ މިނިސްޓްރީން ބަލާ މިންގަނޑުގެ ދަށުން 70 ޕޮއިންޓަށް ވުރެ ދަށުން ސީޑިއީއާއި ރިޔަންއަށް ޕޮއިންޓު ލިބިފައިވާތީ މިނިސްޓްރީން ނިންމީ ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމަށްޓަކައި ލަފާދިނުމުގެ މަސައްކަތް އެ ދެ ކުންފުންޏާ ހަވާލު ނުކުރުމަށެވެ. އެގޮތުން، އަމަލީ ބައިން ސީޑީއީއަށް 50.6 ޕަސެންޓު މާކްސް ލިބުނުއިރު ރިޔަންއަށް ލިބުނީ 54.6 ޕަސެންޓު މާކުހެވެ.

ސަރުކާރުން މަސައްކަތް ހަވާލުކުރި ނެކްސިއާއަށް އަމަލީ ބައިން 61 ޕަސެންޓު މާކުހާއި މާލީ ބައިން 20 ޕަސެންޓު މާކްސް ލިބި، ޖުމުލަ ލިބިފައިވަނީ 81 ޕަސެންޓު މާކުހެވެ.

https://sun.mv/209469

މިނިސްޓްރީން ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، ގައުމީ ތަރައްގީގެ ޕްލޭން ނެކްސިއާއާ ހަވާލުކުރީ މިދިޔަ ޖޫން މަހުގެ 25ވަނަ ދުވަހު 17.9 މިލިއަން ރުފިޔާއަށް އެއް އަހަރު ދުވަހުގެ މުއްތަކަށެވެ.

ފާހަގަކުރެވޭ ގޮތުގައި، ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތްކުރާ ޓީމުން އާންމުންގެ ޚިޔާލު ހޯދުމަށްޓަކައި އިއްޔެ ވަނީ ރަށްރަށަށް ދަތުރުތައް ފަށައިފައެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލާ ޓީމުން މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ގޮސް، ރަށު ކައުންސިލްތަކާއި އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކޮށް ރާއްޖޭގެ ކުރިމަގާއި ތަރައްގީއާއި ތަސައްވުރާ ގުޅޭ ގޮތުން ޚިޔާލު ހޯދާނެ ކަމަށެވެ. އެ ބައްދަލުވުންތަކުގައި ބައިވެރިވެ މަޝްވަރާކޮށް ޚިޔާލު ހުށަހެޅުމަށް ލޯކަލް ކައުންސިލްތަކާއި ރަށްރަށުގައި ގާއިމްކޮށްފައި ހުރި މުއައްސަސާތަކާއި އާންމު ޖަމިއްޔާ ޖަމާއަތްތަކާއި ވިޔަފާރިތަކާއި އާންމުންނަށް ފުރުސަތު އޮންނާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒު އިފުތިތާހުކޮށްދެއްވީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 17 ވަނަ ދުވަހެވެ.

https://sun.mv/210899

އެ ޕްލޭން އިގްތިތާހުކޮށްދެއްވައި ރައީސް ވިދާޅުވީ، އެ ޕްލޭން އެކުލަވައިލުމަކީ ވަރަށް މުހިންމު އިސްކަމެއް ދީގެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އެހެންވެ، މި ކަމުގައި ހުރިހާ ސިޔާސީ ފިކުރެއްގެ، ހުރިހާ ރަށެއްގެ، ކުދި ބޮޑު އެންމެން ބައިވެރިވާން އެ މަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

ރައީސް ވިދާޅުވީ، އެ މަނިކުފާނުގެ އަމާޒަކީ 2040 ވަނަ އަހަރު އަންނައިރު ހުރިހާ ގޮތަކުން ވެސް ރާއްޖެއަކީ އެއްކޮށް ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި ގިންތިކުރެވިގެން ދިއުން ކަމަށެވެ. އެއީ، އެންމެން ގުޅިގެން މަސައްކަތްކޮށްފި ނަމަ، ނުކުރެވޭނެ ކަމެއް ނޫން ކަމަށް އެ މަނިކުފާނު އޭރު ވިދާޅުވިއެވެ.

ގައުމީ ތަރައްގީގެ ޕްލޭން އެކުލަވައިލުމުގެ މަސައްކަތް ފެށީ އަހަރު ދުވަހުގެ ތެރޭގައި އެއްކޮށް މަސައްކަތް ނިންމާލުމަށް އަޒުމު ކަނޑައަޅައިގެންނެވެ. އެ ޕްލޭނަށް ބާރުދޭން ގާނޫނުއަސާސީއަށް ވެސް މާއްދާއެއް އިތުރުކުރާނެ ކަމަށް ސަރުކާރުން އޭރު ބުނެފައިވެއެވެ.

comment ކޮމެންޓް