ނޭޕާލުގައި ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާތަކުގައި ހަމަނުޖެހުން އުފެދި، އިމާރާތްތަކުގައި ރޯކުރަމުން ދިޔަ ނަމަވެސް ދިވެހި ފޮރިން މިނިސްޓްރީން، އެ ގައުމުގައި ތިބި ދިވެހީންނާ ގުޅޭ މައުލޫމާތު ހިއްސައެއް ނުކުރިއެވެ.
ނޭޕާލުގައި ސަރުކާރުތަކުގެ ކޮރަޕްޝަނާ ދެކޮޅަށް ކުރިއަށްގެންދާ މުޒާހަރާތަކުގައި އިއްޔެ 19 މީހަކު މަރުވެފައިވެއެވެ. އޭގެ ސަބަބުން ކާފިއު އިއުލާންކުރި ނަމަވެސް މިއަދު ވެސް މުޒާހަރާކުރާއިރު، ސަރުކާރުގެ ބައެއް އިމާރާތްތަކާއި ގައުމުގެ ލީޑަރުންގެ ގެކޮޅުގައި ވެސް ވަނީ ރޯކޮށްފައެވެ.
އެ މުޒާހަރާތަކާ ގުޅިގެން އެ ގައުމުގެ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޮލީ އާއި ރައީސް ރާމް ޗަންދްރަ ޕުޑެލް އިސްތިއުފާ ދެއްވާފައިވާއިރު، މުޅި ގައުމުގައި ވަނީ ހަލަބޮލިކަން އުފެދިފައެވެ.
ނޭޕާލަކީ ރާއްޖޭން ބޭރުގައި މެޑިސިން ކިޔަވާ އެންމެ ގިނަ ދަރިވަރުންނާއެކު، ދިވެހީން ގިނަ އަދަދަކަށް ދިރިއުޅޭ ގައުމެކެވެ.
އެ ދިވެހީންގެ ހާލަތާ ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް "ސަން"އިން މިއަދު މެންދުރުން ފަށައިގެން ފޮރިން މިނިސްޓްރީއަށް ގުޅައި، މެސެޖުކުރި ނަމަވެސް ޖަވާބެއް ލިބިފައިނުވެއެވެ. އަދި އިންޑިއާ ފަދަ ގައުމުތަކުން، އެ ގައުމުތަކުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި އެލާޓްތައް ނެރުނު ނަމަވެސް ރާއްޖެއިން މިހާތަނަށް ވެސް އެފަދަ އެލާޓެއް ނެރެފައިނުވެއެވެ.
މިނިސްޓްރީގެ ބަހެއް ނުލިބުމުން، "ސަން"އިން އެހެން ގޮތްގޮތުން ބެލި ބެލުމުން އެނގުނު ގޮތުގައި، ނޭޕާލުން މިއަދު ފުރަން ދިޔަ ދެ ދަރިވަރަކު ވަނީ ކަތަމަންޑޫ އެއާޕޯޓުގައި ތާށިވެފައެވެ.
ބޭރުގެ ބައެއް ރިޕޯޓުތަކުގައިވާ ގޮތުން މިއަދު މެންދުރު 14:00އިން ފަށައިގެން އެއާޕޯޓުވަނީ ބަންދުކޮށްފައެވެ. އެއާޕޯޓުގައި މީހުން ތާށިވެފައިވާ މަންޒަރާއި އެއާޕޯޓް ކައިރިން ދުންއަރާ މަންޒަރު ވެސް، ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެނެއެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި އެއާޕޯޓުގައި ތާށިވެފައިވާ ދެ ދަރިވަރުންނާ، އިންޑިއާގެ ދިއްލީގައި ހުންނަ ރާއްޖޭގެ އެމްބަސީއާ ވަނީ ގުޅިފައެވެ. އަދި ދެ ދަރިވަރުންނާއި ނޭޕާލުގައި ދެން ތިބި ދިވެހީންގެ ހާލު ވެސް ރަނގަޅުކަން އެނގިފައިވެއެވެ.
ނޭޕާލުގައި މުޒާހަރާތައް ފެށީ، އެ ގައުމުގައި ސައްހަ ނޫން މައުލޫމާތާއި ނަފުރަތު ފެތުރުވުން ހުއްޓުވުމަށް ކަމަށް ބުނެ، 26 ސޯޝަލް މީޑިއާ ޕްލެޓްފޯމް މަނާކުރުމާ ގުޅިގެންނެވެ. އެގޮތުން ސަރުކާރުން މަނާކުރަން ނިންމި ޕްލެޓްފޯމްތަކުގެ ތެރޭގައި ޒުވާނުން އެންމެ ގިނައިން ބޭނުންކުރާ އެޕްތަކުގެ ތެރޭގައި ހިމެނޭ އިންސްޓަގްރާމް، ޔޫޓިއުބް، އެކްސް އަދި ފޭސްބުކް ހިމެނެއެވެ.
މުޒާހަރާތައް ފެށީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މަނާ ކުރުމާ ދެކޮޅަށް ނަމަވެސް، މިހާރު ޒުވާނުންގެ ގޮވާލުންތައް ވަނީ އިތުރުވެފައެވެ. އެގޮތުން، ފާއިތުވި އަހަރުތަކުގައި ސަރުކާރުތަކުން ހިންގައިފައިވާ ކޮރަޕްޝަނާ މެދު ނުރުހޭ ކަމަށް ބުނެ، މިހާރު އޮތް ސަރުކާރުގެ އިސްތިއުފާއަށާއި އަދަބު ދިނުމަށް ގޮވާލަމުންދެއެވެ.