އިދިކޮޅު މައި ޕާޓީ، އެމްޑީޕީން މިހާރު ކުރަމުން އަންނަ ސިލްސިލާ އިހުތިޖާޖުތަކުގެ ތެރެއިން، ހައުސިން މިނިސްޓްރު ޑރ. އަބްދުﷲ މުއްތަލިބާ ބައްދަލުކުރަން ދިޔަ ނަމަވެސް، އެންމެ ހިންްގާ ދަރުބާރުގޭ ދޮށަށް މިއަދު ހެނދުނު އެއްވެއްޖެއެވެ.
މިއަދު ހެނދުނު އެ ޕާޓީގެ އާންމު މެންބަރުންނާއެކު، ޕާޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ވެސް އިހުތިޖާޖުގައި ބައިވެރިވެފައެވެ.
މި އިހުތިޖާޖާ ގުޅޭ ގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަމުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ ހައުސިން މިނިސްޓްރީއަށް މިއަދު ދިޔައީ މެންބަރުން ހުށަހެޅުއްވި ސުވާލުތަކަށް ޖަވާބު ނުދެއްވާތާ ތިން މަހެއްހައި ދުވަސްވެގެން މިނިސްޓަރާ ބައްދަލުކުރަން ކަމަށެވެ.
ނަމަވެސް ބައްދަލުކުރަން ފުރުސަތު ނުދިނުމުން ހައުސިން މިނިސްޓްރީ އަށް ވަނީ ކަމަށާއި ނަމަވެސް، އެތައް އިރަކު ބޭތިއްބުމަށްފަހު ވެސް އެ މިނިސްޓްރީން އެއްވެސް ސިޔާސީ ބޭފުޅަކު ބައްދަލުކުރަން ނައިކަމަށް މައުރޫފް ވިދާޅުވިއެވެ.
"ބައިގަޑިއިރެއްހާއިރު ފަހުން ވިދާޅުވީ، އެއްވެސް ބޭފުޅަކު މިހާރު ބައްދަލުކުރެވޭ ފެންވަރުގައެއް ނެތޭ. އެ ބޭފުޅުން ވަލު ދޮރާށިން ނިކުމެގެން ހިނގައްޖޭ،" މައުރޫފް ވިދާޅުވިއެވެ.
މީގެ އިތުރުން، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެސުވާލުތަކަށް ޖަވާބު ހޯދަން، ދަތި ހާލުގައި އުޅެން ޖެހޭނަމަ އާންމު ރައްޔިތަކު މިފަދަ ވުޒާރާއަކުން މައުލޫމާތު ހޯދަން އުޅޭނެ ހާލު ތަސައްވުރުކޮށްލެވޭ ކަމަށެވެ.
މީގެ ކުރިން އެ ޕާޓީގެ ޕީޖީ ގްރޫޕުގެ މެންބަރުން ވަނީ ފިނޭންސް މިނިސްޓްރީ ދޮށަށް އެއްވެފައެވެ. އެ މިނިސްޓްރީ ދޮށަށް ވެސް އެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާ ބައްދަލުކުރުމަށެވެ. ނަމަވެސް މިނިސްޓަރު ރާއްޖޭގައި އެ ވަގުތު ނެތުމުން، ފިނޭންސް މިނިސްޓްރީގެ އިސް ވެރިންނާ ބައްދަލުކުރަން ވެސް ވަނީ މަސައްކަތް ކޮށްފައެވެ.
މި އިހުތިޖާޖުތައް ކުރަމުން އަންނަނީ އަންނަ މަހުގެ ތިންވަނަ ދުވަހު އެ ޕާޓީން ބާއްވަން ތައްޔާރުވަމުން އަންނަ ބޮޑު އެއްވުމަށް ތައްޔާރުވުމުގެ ގޮތުންނެވެ.