އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރު ކުރާ 23 ބާވަތުގެ ނަންތައް މިއަދު އިކޮނޮމިކް މިނިސްޓްރީން އިއުލާން ކޮށްފިއެވެ.
އާއްމުކޮށް ކެއިންބުއިމަށް ބޭނުންކުރާ ބައެއް ބާވަތްތައް ރާއްޖޭގެ ބާޒާރުގައި ދުވަހަކު ވެސް ނުވާހާ އަގު ބޮޑުވެ, އެކަމުގެ ޝަކުވާ ފުނިޖެހުމުން މިދިޔަ ހަފުތާގައި ބޭއްވި ކެބިނެޓުގައި ނިންމާފައިވަނީ އެސްޓީއޯ މެދުވެރިކޮށް 23 ބާވަތެއް އެތެރެ ކުރުމަށެވެ.
އެކަން ހާމަ ކުރައްވައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ މިއީ ކާނާގެ ކަށަވަރުކަން ޔަގީން ކުރުމަށް އެޅުއްވި ފިޔަވަޅެއް ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ވަނީ އެ ބާވަތްތަކުގެ ނަންތައް ހާމަ ކޮށްފައެވެ. އޭގެ ތެރޭގައި އާއްމުކޮށް ރާއްޖޭގައި ހައްދާ ބައެއް ބާވަތްތައް ވެސް ހިމެނެއެވެ.
ލިސްޓްގައި ހިމެނޭ 10 ބާވަތުގެ މޭވާ
- ދޮންކެޔޮ
 - އާފަލު
 - އޮރެންޖު
 - ލުނބޯ
 - ޖުމްހޫރީމޭވާ
 - އަނބު
 - ފަޅޯ
 - ކަރާ
 - މިރުސް
 - މޭބިސްކަދުރު
 
ލިސްޓްގައި ހިމެނޭ 10 ބާވަތުގެ ތަރުކާރީ
- ފިޔާ
 - އިނގުރު
 - ކެރެޓް
 - ބަށި
 - ކައްޓަލަ
 - ލޮނުމެދު
 - އަލުވި
 - ކެބެޖު
 - ބަރަބޯ
 - ބޯވެލި
 
އެހެނިހެން ބާވަތް
- ރީނދޫ މުގު
 - ކުކުޅު ބިސް
 - ކާށި
 
މި ތަކެތި އަންނަ މަހުގެ 15 އިން ފެށިގެން އަގުހެޔޮކޮށް ލިބޭނެ ކަމަށް, އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ.
ކާބޯތަކެތީގެ ގިނަ ބާވަތްތަކެއްގެ އަގު ވަރަށް ބޮޑުވެފައިވާއިރު ވިޔަފާރިވެރިން ބުނަނީ އެގޮތަށް އެކަން ދިމާވަނީ މުދާ އެތެރެ ކުރަން ޑޮލަރު ގަންނަން ޖެހޭ އަގު ބޮޑުވުމުން ކަމަށެވެ. މިހާރު ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު އުޅެނީ 20 އިން މަތީގައެވެ. މިއީ ރާއްޖޭގައި ޑޮލަރެއްގެ އަގު މިހާ މައްޗަށް ގޮސް މިހާ ދުވަހު މިހެން ހިފެހެއްޓިފައި ހުރުމަށް ދިމާވި ފުރަތަމަ ފަހަރެވެ.