ލިޔުމުގެ މިނިވަންކަން އޮންނަންވާނީ ޒިންމާދާރުކޮށް ކަމަށާއި ސޯޝަލް މީޑިއާ ރެގިއުލޭޓް ކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިރޭ ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ނާޒިމް ވަނީ، މިހާރު ކޮމިޓީ މަރުހަލާގައި އޮތް މީޑިއާ ބިލާ ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ. އަދި ނޫސްވެރިކަމާއި އިންޓަނެޓް ރެގިއުލޭޓްކުރުމުގެ ބިލެއް ހުށަހެޅުމާ ގުޅޭ ގޮތުން ނާޒިމް "ސަން"އަށް ދެއްވި އިންޓަވިއެއްގައި ދެއްކެވި ވާހަކައަށް ވެސް އިޝާރާތް ކުރެއްވިއެވެ.
ސަން އޮންލައިންގެ "އެޑިޓަރުގެ ސުވާލު" ޕްރޮގްރާމަށް މިދިޔަ ޖަނަވަރީ މަހު ދެއްވި އިންޓަވިއުއެއްގައި ނާޒިމް ވަނީ، އިންޓަނެޓާއި ސޯޝަލް މީޑިއާ އަދި ނޫސްވެރިކަން އެއް ފުރާޅެއްގެ ދަށުން ރެގިއުލޭޓްކުރުމަށް ބިލެއް ތައްޔާރުކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.
އޭގެ ފަހުން މިދިޔަ މަހު، ސަރުކާރާ ގުޅުން އޮންނަ، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ވަނީ މީޑިއާ ބިލެއް ހުށަހަޅުއްވައިފައެވެ. އެ ބިލުގައި ސަރުކާރަށް މީޑިއާ ކޮންޓްރޯލް ކުރެވޭ ގޮތަށް ބާރުތައް ލިބިދީފައިވާއިރު، މީޑިއާ މާނަކޮށްފައި އޮތް ގޮތުން ސޯޝަލް މީޑިއާ ވެސް ކޮންޓްރޯލް ކުރެވޭނެ ކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކުރެއެވެ.
އެ ބިލުގެ ދިރާސާގައި ބައިވެރިވެވަޑައިގަތް ކަމަށް ނާޒިމް ވިދާޅުވެފައިވާއިރު، ސޯޝަލް މީޑިއާ ރެގިއުލޭޓް ކުރުމާ ގުޅޭ ގޮތުން އޭނާ މީގެ ކުރިން ދެއްކެވި ވާހަކަތައް މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ފެތުރެމުންނެވެ. އަދި ބިލުގެ މަގުސަދަކީ ސޯޝަލް މީޑިއާ ވެސް ރެގިއުލޭޓް ކުރުންކަން، އެ ވާހަކަތަކުން ސާބިތުވާ ކަމަށް ބައެއް މީހުން ތުހުމަތު ކުރެއެވެ.
އެ ވާހަކަތަކަށް އިޝާރާތް ކުރައްވައި ނާޒިމް ވިދާޅުވީ، އެ އިންޓަވިއުގައި އޭނާ ފާޅުކުރެއްވީ އަމިއްލަ ޚިޔާލު ކަމަށެވެ. އެގޮތުން ސޯޝަލް މީޑިއާގައި އެއްވެސް ހައްދެއް ނެތި "ދަރިން ވިއްކަން ޖެހުމާއި، އާއިލީ މައްސަލަތަކަށް ޓިކްޓޮކް ހެދުން" ފަދަ ކަންކަން ކުރަމުންދާ ކަމަށާއި އެއީ އިޖުތީމާއީ ފޭރާން ވީދޭ ކަންކަން ކަމަށް އޭނާ ވިދާޅުވިއެވެ.

މީހަކު ފޮތެއްގައި ލިޔަނީ: ނާޒިމް ވިދާޅުވީ، ސޯޝަލްމީޑިއާގައި ލިޔުމުގެ ހައްގު އޮންނަންވާނީ ޒިންމާދާރުކޮށް ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ
"އެހެންވީމަ އަޅުގަނޑު މިއަދުވެސް ޕާސަނަލީ ގަބޫލުކުރަން [ސޯޝަލް މީޑިއާ ރެގިއުލޭޓް ކުރަން]، އެހެންނަމަވެސް އަޅުގަނޑު ގަބޫލުކުރާ ކޮންމެ ކަމަކީ މަޖިލީހުގެ ތަޅުމުން ފާސްވާނެ ކަންކަމެއް ނޫން، އަދި އަޅުގަނޑު ޕާސަނަލީ ގަބޫލުކުރިޔަސް އެ ކަންކަމަކީ ކޮމިޓީން ބަލައިގަންނާނެ ކަންކަމެއް ވެސް ނޫން، އެހެންވީމަ ސޯޝަލް މީޑިއާ ރެގިއުލޭޓް ކުރާ ވާހަކައާއި ސޯޝާލް މީޑިއާ ބޭން ކުރާ ވާހަކަ އަޅުގަނޑުމެން ނުދައްކަން،" ނާޒިމް ވިދާޅުވިއެވެ.
އެ ބިލު ފާސްކޮށް، ގާނޫނަކަށް ވެއްޖެ ނަމަ ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކުރުން ހުއްޓުވޭނެތޯ ސުވާލުކުރުމުން އޭނާ ވަނީ އެއީ "ކަނޑައެޅިގެން ދޮގެއް" ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ލިޔުމުގެ ހައްގު އޮތަސް، އެކަން ވެސް އޮންނަންވާނީ ޒިންމާދާރުކޮށް ކަމަށް ނާޒިމް ވިދާޅުވިއެވެ.
ސޯޝަލް މީޑިއާގައި ލިޔުމުގެ މިނިވަންކަން އެބަ އޮތް ދެއްތޯ. އެހެންނަމަވެސް، ލިޔުމުގެ މިނިވަންކަން ވެސް އޮންނަންވާނީ ޒިންމާދާރު ކަމާއެއްކޮށް ދެއްތޯދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް
އިތުރަށް އޭނާ ވިދާޅުވީ، މީޑިއާ ބިލު އިސްލާހު ކުރެވިގެން އަންނާނީ މިހާރު ހުށަހަޅާފައި ހުރި ޚިޔާލުތަކާއި އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ކަމަށެވެ. އެގޮތުން، ކޮމިޓީން ބިލު ފާސްވާއިރު، އޮންނާނީ ހަންނާން ހުށަހެޅުއްވިއިރު އޮތް ގޮތަށް ވުރެ ފުރިހަމައަށް ކަމަށް ނާޒިމް ވިދާޅުވިއެވެ.
އެހެންވެ، އެބިލުގައި ނޫސްވެރިންނާއި ކޮންޓެންޓް ކްރިއޭޓަރުން ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މެންބަރު އަހުމަދު ނާޒިމް: ވިދާޅުވީ، ސޯޝަލްމީޑިއާގައި ލިޔުމުގެ ހައްގު އޮންނަންވާނީ ޒިންމާދާރުކޮށް ކަމަށް -- ފޮޓޯ/ މަޖިލިސް
ފާހަގަކުރެވޭ ގޮތުގައި، މީޑިއާތައް ބަލަހައްޓާ ކޮމިޝަނެއް އެކުލަވާލައި، މީޑިއާތަކަށް ފިޔަވަޅު އެޅުމާ ގުޅޭ ގޮތުން އެކުލަވާލައިފައިވާ ބިލު މަޖިލީހަށް ހުށަހެޅި ދުވަހުން ފެށިގެން ނޫސްވެރިން އަންނަނީ ބިލާ މެދު ނުރުހުން ފާޅުކޮށް، ބިލު ބޭރުކޮށްލުމަށް ގޮވާލަމުންނެވެ.
އެކަމާ ގުޅިގެން މީޑިއާތަކުން މުޒާހަރާ ވެސް ކުރި ފަހުން، ސަރުކާރުން ވަނީ ބިލަށް ބައެއް އިސްލާހުތައް ހުށަހަޅަން ނިންމައިފައެވެ.
ސަރުކާރުގެ ގިނަ މެންބަރުން ތާއިދު ކުރައްވާފައިވާ އެ ބިލުން ސޯޝަލް މީޑިއާ ރެގިއުލޭޓް ކުރަން ނޫޅޭ ކަމަށް، ޕީއެންސީ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވަނީ ވިދާޅުވެފައެވެ.