ބޮލީވުޑް އެކްޓަރު ޝާހިދު ކަޕޫރުގެ އާ ފިލްމު "އޯ ރޯމިއޯ"ގެ ފަސްޓް ލުކް ޕޯސްޓަރު ބެލުންތެރިންނަށް ދައްކާލުމަށް ފަހު ފިލްމު ރިލީޒްކުރާ ތާރީޚު ފަސްކުރިކަން އިއުލާނުކޮށްފިއެވެ.
ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް ވިޝާލް ބަރަދުވާޖް ޑައިރެކްޓްކުރާ ފިލްމު "އޯ ރޯމިއޯ" ރިލީޒްކުރާނެކަން ކުރިން އިއުލާނުކޮށްފައިވަނީ މި އަހަރުގެ ޑިސެންބަރު މަހެވެ.
ނަމަވެސް، ފަހުން އިއުލާނުކުރި ގޮތުގައި ފިލްމު ސިނަމާތަކަށް ގެންނާނެ އާ ތާރީޚަކީ އަންނަ އަހަރުގެ ފެބްރުއަރީ މަހު ފާހަގަކުރާ ލޯބިވެރިންގެ ދުވަހާ ދިމާކޮށް އެ މަހުގެ 14 ވަނަ ދުވަހެވެ. ފިލްމުގެ ޕޯސްޓަރާ އެކު "އޯ ރޯމިއޯ" ރިލީޒް ކުރުން ފަސްކުރެވިފައިވާއިރު ފިލްމުގެ ޝޫޓިން ވަނީ މި މަހުގެ ކުރީކޮޅު ނިންމާލާފައެވެ.

ޝާހިދާ އެކު ފިލްމު "ކޮކްޓެއިލް 2"އިން ފެންނާނެ ތަރިން ކަމަށްވާ ކްރިތީ އަދި ރަޝްމިކާ--ފޮޓޯ/ޓެލެގްރާފްއިންޑިއާ
މިހާރު ޕޯސްޓު ޕްރޮޑަކްޝަން މަރުހަލާގައި އޮތް މި ފިލްމަކީ ޝާހިދާ އެކު ޒުވާން ބަތަލާ ތުރިޕްތީ ދިމްރީ ފުރަތަމަ ފަހަރަށް ބެލުންތެރިންނަށް ފެންނާނެ ފިލްމެވެ. ޝާހިދު ވަނީ މީގެ ކުރިން ވެސް ފިލްމުގެ ޑައިރެކްޓަރު ވިޝާލް ބަރަދުވާޖާ އެކު ތިން ފިލްމެއްގައި މަސައްކަތްކޮށްފައެވެ.
އޭގެ ތެރޭގައި 2017 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ރަންގޫން"، 2014 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ހައިދަރު" އަދި 2009 ވަނަ އަހަރު ގެނެސްދިން ފިލްމު "ކަމީނޭ" ހިމެނެއެވެ. މި ފިލްމުތަކުގެ ތެރެއިން ފިލްމު "ހައިދަރު"އަކީ ޝާހިދުގެ އެކްޓިންގް ކެރިއަރު އިތުރު ހަރުފަތަކަށް ގެންގޮސްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ވަރަށް ބޮޑު މަގުބޫލުކަމެއް ލިބުނު ފިލްމެކެވެ.
ޝާހިދު އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މި އަހަރުގެ ކުރީކޮޅު ރިލީޒްކުރި އެކްޝަން ތުރިލާ "ދޭވާ"އިންނެވެ. ފިލްމު "އޯ ރޯމިއޯ"ގެ މަސައްކަތް ނިންމާލުމަށް ފަހު އެކްޓަރު ވަނީ މިހާރު ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ ފިލްމު "ކޮކްޓެއިލް 2"ގެ ޓީމާ ގުޅިފައެވެ.