ރައްޔިތުންގެ މަޖިލީހަށް މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް ހުށަހަޅާފައި އޮތް ބިލު ސޯޝަލްމީޑިއާގައި ލިޔާ މީހުންނާއި ކޮންޓެންޓް ކްރިއޭޓަރުން ނުދަންނަ ކަމަށް ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ޚަލީލް ރޭ ވިދާޅުވެއްޖެއެވެ.
އެ ބިލުން ސޯޝަލްމީޑިއާގައި ފާޅުކުރާ ޚިޔާލާ ގުޅިގެން ވެސް ފިޔަވަޅު އެޅޭނެ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ރޭ ބޭއްވި މީޑިއާ ފޯރަމެއްގައި އެ ކަމަށް އިޝާރާތްކުރައްވައި ގިނަ ދުވަސްތަކެއް ވަންދެން ނޫސްވެރިކަން ކުރެއްވި ޚަލީލް ވިދާޅުވީ، އެ ބިލު ސޯޝަލް މިޑީއާ ނުވެސް ދަންނަ ކަމަށާއި އެއީ ހަމައެކަނި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތައް ރެގިއުލޭޓްކުރާ ބިލެއް ކަމަށެވެ.

މީޑިއާ ކޮންޓްރޯލް ބިލާ ދެކޮޅަށް ކުރި އިހުތިޖާޖެއްގެ ތެރެއިން: ޚަލީލް ވިދާޅުވީ، ސޯޝަލްމީޑިއާގައި އުޅޭ މީހުންނާއި ކޮންޓެންޓް ކްރިއޭޓަރުން މީޑިއާ ބިލެއް ނުދަނޭ ކަމަށް -- ސަން ފޮޓޯ: އަހްމަދު އިޔާދު
މި ބިލުން ސޯޝަލްމީޑިއާ ރެގިއުލޭޓުކުރަން އުޅޭ ކަމަށް ބުނެ، ވާހަކަދައްކަނީ އެހެން މަގުސަދެއްގައި ކަމަށް ޚަލީލް ތުހުމަތުކުރެއްވިއެވެ.
އެ ވާހަކަތައް ދައްކަވާ މީހުންގެ ތެރޭގައި ނޫސްވެރިކަމުގެ ވަރަށް ތަޖުރިބާކާރު ބޭފުޅުން ހިމެނިވަޑައިގަންނަވާ ކަމަށާއި މިއަދުގެ ސަރުކާރުން ބޭނުންވަނީ ނޫސްވެރިކަމަށް 'ތަންމިނަށް' ފުރުސަތު ހުޅުވާލުމަށް ކަމަށް ޚަލީލް ވިދާޅުވިއެވެ.
އެކަމަކު، އެ ފުރުސަތު ދޭންވާނީ ޒިންމާދާރު ކަމާއެކު ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށް ޚަލީލް ވިދާޅުވިއެވެ.
ސޯޝަލްމީޑިއާ ކޮންޓެންޓު ހަދާ މީހުންނާއި ޓްވީޓުކުރާ މީހުންނާއި އިންސްޓަގްރާމްގައި އުޅޭ މީހުންނާއި ފޭސްބުކްގައި އުޅޭ މީހުން ނުވެސް ދަނޭ މި ބިލެއް. މި ބިލު ދަންނަނީ މި ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ނޫސްތައް ނުވަތަ މީޑިއާތައް އެކަނި، ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ޚަލީލް
ފާހަގަކުރެވޭ ގޮތުގައި، ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އެ މަނިކުފާނުގެ މެނިފެސްޓޯގައިވާ ވަޢުދުތަކުގެ ތެރެއިން ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްސަކޮށްގެން ލުއިލޯނު ދިނުމުގެ ސްކީމެއް ހުޅުވާލުމަށް ކުރަންޖެހޭ ފަންނީ މަސައްކަތްތައް ނިމުމަކާ ގާތްވެފައިވާ ކަމަށް ވިދާޅުވެފައެވެ.
އެ ކަމަށް އަލިއަޅުވާލައި ޚަލީލް ވަނީ މި ސަރުކާރުން ބޭނުންވަނީ ކޮންޓެންޓް ކްރިއޭޓަރުންނާއި ނޫސްވެރިން ވެސް ބާރުވެރިކުރުވަން ކަމަށް ވިދާޅުވެފައެވެ. އޭނާ ވަނީ މައުލޫމާތު ވެސް މި ސަރުކާރަށް ވުރެ ބޮޑަށް ހާމަކުރި އިރެއް ނުދާ ކަމަށް ވިދާޅުވެފައެވެ. އަދި، މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހަޅާ ހުށަހެޅުންތަކަށް ވެސް ޖަވާބުދެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ޚަލީލްގެ އިތުރުން އެ ފޯރަމްގައި އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) ހިމެނޭހެން މީޑިއާގެ ދާއިރާގައި ތަޖުރިބާކާރު ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އެކަމަކު، އޭގެ ތެރެއިން ގިނަ ބޭފުޅުންނަކީ ސަރުކާރުގެ ވަޒީފާތަކުގައި ތިއްބެވި ބޭފުޅުންކަން ފާހަގަކޮށްލެވެއެވެ.
މީޑީއާ ބިލު ބޭރުކޮށްލަން ނޫސްވެރިން ގޮވާލައި، އިހުތިިޖާޖުކުރަމުން ދަނިކޮށް ކޮމިޓީން މަރުހަލާގައި ބައެއް އިސްލާހުތަކާ އެކު އިއްޔެ ބިލު ވަނީ ފާސްކޮށްފައެވެ. ސަރުކާރުން ވަނީ، ބިލު ފާސްކޮށްފައިވަނީ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، އިސްލާހުތައް ގެނައުމަށް ފަހު ކަމަށް ބުނެފައެވެ.
ކޮމިޓީ މަރުހަލާއިން އިއްޔެ ބިލު ފާސްކުރިއިރު މިއަދަށް ވަނީ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް އެޖެންޑާކޮށްފައެވެ. އެކަމަކު، ޖަލްސާ އޮންނާނެ ގަޑިއެއް ވެސް އަދި އެޖެންޑާއެއް ވެސް މިހާތަނަށް މަޖިލީހުގެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ. އެ އިދާރާއިން ބުނީ އެޖެންޑާ ފައިނަލްވުމުން ހިއްސާކުރާނެ ކަމަށެވެ.