މީޑިއާ ބިލު ފާސްކުރަން ޖަލްސާ ފެށުމާ އެކު އިހުތިޖާޖަށް، އެމްޑީޕީ މެންބަރުން ނެރެނީ

މީޑިއާ ބިލު ފާސްކުރަން ބާއްވާ ޖަލްސާ: ޖަލްސާ ފެށުމާ އެކު މެންބަރުން ވަނީ އިހުތިޖާޖުކުރަން ފަށާފައި --

މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ބިލު ފާސްކުރަން ދައުރުން ބޭރުން މިއަދު ބާއްވާ ޖަލްސާ ފެށުމާ އެކު އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން އިހުތިޖާޖު ކުރާތީ، އެ މެންބަރުންގެ ނަން އިއްވަން ފަށައިފިއެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ އިއްޔެ ބިލު ފާސްކުރި ގޮތަށް، ކައުންސެލާ ޖެނެރަލް އާމިނަތު ފިލްޒާގެ ލަފާތަކާ އެކު ކޮމިޓީން މިއަދު ބިލުގެ ރިޕޯޓު ފާސްކޮށްފައެވެ.

މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް އޮތް އެ ބިލު ފާސްކުރަން ޖަލްސާ ފެށުމާ އެކު އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ވަނީ އިހުތިޖާޖުކުރަން ފަށާފައެވެ. އެ މެންބަރުން އަންނަނީ ގޮނޑިކޮޅުން ތެދުވެ، މީޑިއާ ކޮންޓްރޯލް ބިލާ ދެކޮޅަށް އިހުތިޖާޖުކުރަމުންނެވެ.

ކޮޅަށް ތެދުވެ އިހުތިޖާޖުކުރާތީ، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ ނަން ވަނީ އިއްވާފައެވެ. އެކަމަކު، ނަން އިއްވުމުން ވެސް ތަޅުން ދޫކުރައްވައި ވަޑައިނުގަތުމުން އެ މެންބަރުން ވަނީ މަޖިލީހުގެ ސެކިއުރިޓީ ބޭނުންކޮށްގެން ތަޅުމުން ނެރެފައެވެ.

އެއަށް ފަހު، އިހުތިޖާޖު ކޮށްކޮށް އޮއްވާ މަޖިލީހުގެ ރިޔާސަތުގައި އިންނެވި ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ ޖަލްސާ ކުރިއަށް ގެންދަން ފައްޓަވާފައެވެ. އަދި، ކޮމިޓީ ރިޕޯޓު ތަޅުމަށް އިއްވަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރު ހުސައިން ރިޒާ އާދަމަށް ފުރުސަތު އެރުވިއެވެ.

ރިޕޯޓު އިއްވަން ރިޒާ ފެއްޓެވުމާ އެކު، އެމްޑީޕީ މެންބަރުން ވަނީ ރިޒާގެ ގޮނޑިކޮޅު ކައިރީގައި އިހުތިޖާޖުކުރަން ފަށާފައެވެ. އެ ހިސާބުން ޕީއެންސީއަށް ނިސްބަތްވާ ބައެއް މެންބަރުން ވެސް ވަނީ އެމްޑީޕީ މެންބަރުންނަށް ހުރަސްއަޅަން ތެދުވެ ވަޑައިގެންފައެވެ. އެހެންވެ، މަޖިލީސް ވަރަށް ބޮޑަށް ހޫނުވިއެވެ.

ފަހުން ރިޔާސަތުން ވަނީ ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދާއި، ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދުގެ ނަން ވެސް އިއްވާފައެވެ. އެ މެންބަރުން ވެސް ވަނީ ތަޅުމުން ނެރެފައެވެ.

އެ މެންބަރުން ނުކުމެވަޑައިގަތުމުން ބިލުގެ ބަހުސް ވަނީ ފަށާފައެވެ. އެކަމަކު، އަނެއްކާ ވެސް މެންބަރުން އަޑުގަދަކުރަން ފެށުމުން ރިޔާސަތުން ވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)ގެ ނަން އިއްވާފައެވެ. ނަން އިއްވުމަށް އޭނާ ވެސް ވަނީ މަޖިލީހުން ނުކުމެވަޑައިގަންނަވަން އަންގަވާފައެވެ.

ކުޑޫ ނުކުތުމުން ބިލުގެ ބަހުސްގައި ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު މުހައްމަދު އިސްމާއިލް ވަނީ ކޮމިޓީން ރިޕޯޓު ހުށަހަޅާފައި އޮތް ގޮތަށް ފާސްކުރަން ހުށަހަޅުއްވާފައެވެ.

މުހައްމަދަށް ފަހު ދެން ބިލުގެ ބަހުސްގައި ބައިވެރިވެވަޑައިގަތީ ބިލު ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހައްނާން އަބޫބަކުރެވެ. އޭނާ ވާހަކަދައްކަވަން ފެއްޓެވުމާ އެކު އަނެއްކާ ވެސް އެމްޑީޕީ މެންބަރުން ވަނީ ބަހުސްއަށް ހުރަސްއަޅައި، އިހުތިޖާޖުކުރަން ފަށާފައެވެ.

އެހެންވެ، ރިޔާސަތުން ވަނީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވެސް ތަޅުމުން ނެރެފައެވެ.

އެއަށް ފަހު ބާކީ ތިއްބެވި އެމްޑީޕީގެ މެންބަރުން އިހުތިޖާޖުކުރަނިކޮށް މަޖިލީހުގައި ބިލުގެ ބަހުސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ ބަހުސްގައި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ވަނީ މުޅި ޕީޖީ ގްރޫޕު ބިލަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ފަހުން ވެސް މަޖިލީހުގައި އަޑުގަދަކުރެއްވުމުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ)ގެ ނަން ވެސް ވަނީ އިއްވާފައެވެ. އެއަށް ފަހު މަޖިލީހުގެ ސެކިއުރިޓީން ވަނީ އޭނާ ތަޅުމުން ނެރެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މަޖިލީހުގައި މީޑިއާ ކޮންޓްރޯލްގެ ބިލުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެ ބިލު ބޭރުކޮށްލަން ގޮވާލައި ނޫސްވެރިން އިހުތިޖާޖުކުރަމުން އަންނަނިކޮށެވެ. އެ ބިލުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކޮށް، ޖުމުލަ 151 ނޫސްވެރިންގެ ސޮޔާ އެކު ޕެޓިޝަނެއް ވެސް ހުށަހެޅިއެވެ. އެކަމަކު، ކޮމިޓީން ގެނައި އިސްލާހުތަކާ އެކު އެ ކަންބޮޑުވުންތަކަށް ފަރުވާއެއް ލިބިއްޖެ ކަމަށް ބުނެ ޕެޓިޝަން ވަނީ ބޭރުކޮށްލާފައެވެ.

މީޑިއާ ކޮންޓްރޯލް ބިލު މިއަދު ފާސްކުރަން ނިންމާފައި އޮތުމުން ނޫސްވެރިންނާއި އިދިކޮޅު ފަރާތްތަކުން އަންނަނީ ހެނދުނުން ފެށިގެން އިހުތިޖާޖުކުރަމުންނެވެ.

comment ކޮމެންޓް