މީޑިއާ ކޮންޓްރޯލް ބިލުގެ މައްސަލައިގައިި އެމްޑީޕީން ކޯޓަށް ދަނީ

16 ސެޕްޓެންބަރު 2025: މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރުމާ ދެކޮޅަށް މަޖިލިސް ދޮށުގައި ކުރި އިހުތިޖާޖުގެ ތެރެއިން -- ސަން ފޮޓޯ/ އަހްމަދު ފިރްޔާލް

އިއްޔެ މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ޤާނޫނުއަސާސީއާ ޚިލާފަށް ކަމަށް ބުނެ، ބިލު ބާތިލްކުރަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް، އިދިކޮޅު އެމްޑީޕީން މިއަދު ބުނެފިއެވެ.

މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރުމާ ދެކޮޅަށް އިއްޔެ ކުރި މުޒާހަރާގައި ފުލުހުން ނުބައްދަލު ބާރުގެ ބޭނުންކުރިކަމަށް ބުނެ، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އަށް މައްސަލަ ހުށަހެޅުމަށް ފަހު އެ އިދާރާގެ ބޭރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތޮއްޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހުސައިން ސަމީރު ވިދާޅުވީ، ބިލު ގާނޫނުއަސާސީއާ ޚިލާފުކަމަށެވެ.

ބިލުގެ މަސައްކަތްކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެ މަސައްކަތް ކުރިއަށް ގެންދިޔައީވެސް ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ޚިލާފަށް ކަމަށް ވިދާޅުވެ، ބިލަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ދެއްވި ލަފާ ކޮމިޓީގައި ނުއިއްވާ ބިލުގެ ރިޕޯޓު ފާސްކުރިކަމަށް ވެސް ވިދާޅުވިއެވެ. އަދި މަޖިލިހުގެ ޖަލްސާ ފެށި އިރު ވެސް ކޮމިޓީ ރިޕޯޓު މެންބަރުންނަށް ދައްކާފައިނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އެހެންކަމުން ބިލު ގާނޫނުއަސާސީއާ ޚިލާފަށް ފާސްކުރިކަމަށް ބުނެ، މައްސަލަ ކޯޓަށް ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕީއެންސީގެ ސާފު އަޣުލަބިއްޔަތު އޮންނަ 20ވަނަ މަޖިލީހުން, ސަރުކާރާ ގުޅުން ބޮޑު ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މީޑިއާ ކޮންޓްރޯލް ބިލު އިއްޔެ ފާސްކުރީ ގިނަ އަދަދެއްގެ ނޫސްވެރިން ދެކޮޅު ހަދަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ޚާއްސަ ޖަލްސާއެއް ބާއްވައިގެންނެވެ.

ބިލު ފާސްކުރަން ޖަލްސާ ފެށުމާ އެކު އެމްޑީޕީ މެންބަރުން ވަނީ އިހުތިޖާޖުކުރަން ފަށާފައެވެ. އެހެންވެ، އެ ޕާޓީއަށް ނިސްބަތްވާ ބައެއް މެންބަރުންގެ ނަން އިއްވައި ތަޅުމުން ވަނީ ނެރެފައެވެ. އެއަށް ފަހު، ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ވަނީ ކޮމިޓީން ފާސްކުރި ގޮތަށް މީޑިއާ ކޮންޓްރޯލް ބިލު ފާސްކޮށްފައެވެ.

ބިލު ފާސްކުރަން 60 މެންބަރުން ވޯޓުދެއްވިއިރު، ބިލާ ދެކޮޅަށް ވޯޓުދެއްވީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އެކަންޏެވެ.

ފާހަގަކޮށްލެވޭ ގޮތުގައި 151 ނޫސްވެރިންގެ ސޮޔާ އެކު ހުށަހެޅި ޕެޓިޝަންގައި ހުރި ކަންބޮޑުވުންތަކަށް، ކޮމިޓީން ގެނައި އިސްލާހާ އެކު ފަރުވާ ލިބިފައިވާ ކަމަށް ބުނެ އެ ޕެޓިޝަން ވެސް މަޖިލީހުން ވަނީ ބޭރުކޮށްލާފައެވެ. އަދި، ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނާއި ސަރުކާރުން އަންނަނީ މިއީ 'އަބުރު ރައްކާތެރިކޮށްދޭ' ބިލެއް ކަމަށް ބުނެ ބިލު ޕްރޮމޯޓުކުރަމުންނެވެ.

comment ކޮމެންޓް