ޕުޓިންގެ އިދިކޮޅު ލީޑަރު ނަވަލްނީ މަރާލީ ވިހަ ދީގެން ކަމަށް އޭނާގެ އަންހެނުން ބުނެފި

ޕުޓިންގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީގެ މަހާނަ ކައިރީގައި މާބޮނޑި ބަހައްޓާފައި. ފޮޓޯ/ރޮއިޓާސް

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިދިޔަ އަހަރު ޖަލުގައި މަރުވީ ވިހައެއް ބޯން ދިނުމުން ކަމަށް ލެބޯޓްރީ ޓެސްޓްތަކުން އެނގޭ ކަމަށް އޭނާގެ އަންހެނުން ޔޫލިއާ ނަވަލްނަޔާ ބުނެފިއެވެ.

ޔޫލިއާ އެ ތުހުމަތު ކޮށްފައި ވަނީ އެކްސްގައި އިއްޔެ ޕޯސްޓްކުރި ވީޑިއޯއެއްގައެވެ.

ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރި އުމުރުން 47 އަހަރުގެ ނަވަލްނީ މަރުވީ 19 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް މިދިޔަ އަހަރު ޖަލުގައެވެ. އޭނާ އަކީ ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިންއަށް ފާޅުގައި ފާޑުކިޔާފައިވާ މީހެކެވެ.

ޔޫލިއާ ބުނީ ނަވަލްނީ ވަޅުލުމުގެ ކުރިން އޭނާގެ އެކުވެރިން ވަނީ ނަވަލްނީގެ ބަޔޮލޮޖިކަލް ސާމްޕަލްތައް ހޯދައި ރައްކާތެރިކަމާއެކު ދެ ލެބޯޓްރީއަކަށް ފޮނުވާފައެވެ.

"ތަފާތު ދެ ގައުމެއްގެ މި ލެބްތަކުން ހެދި ޓެސްޓުތަކުންވެސް ފެނުނީ އެކައްޗެއް. އެލެކްސީ މަރާލީ. އޭނާއަށް ވިހަ ދިނީ." ޔޫލިއާ ބުންޏެވެ.

ނަވަލްނީގެ މަރުގެ މައްސަލައިގައި އެއްވެސް ބައިވެރިވުމެއް އޮތް ކަމަށް ރަޝިޔާއިން އިން ދޮގުކޮށްފައިވާއިރު، ކަމާބެހޭ ފަރާތްތަކުން މީގެ ކުރިން ބުނެފައި ވަނީ އޭނާ މަރުވީ ކުއްލިއަކަށް ކަމަށެވެ.

އެލެކްސީ ނަވަލްނީގެ ހުވަފަތް އަނބިމީހާ ޔޫލިއާ ނަވަލްނަޔާ. އޭނާ ބުނީ ނަަވަލްނީ މަރާލީ ވިހަ ދީގެން ކަމަށް. ފޮޓޯ/ރޮއިޓާސް

ވިހަ ދިން ކަމަށް ޔޫލިއާ ބުނެފައިވާއިރު، ނަވްލްނީ 2020 ވަނަ އަހަރު އޯގަސްޓު މަހު ރަޝިޔާގެ ސައިބީރިއާއަށް ކުރި ދަތުރުފުޅެއްގައި 'ނޮވިޗޮކް' ކިޔާ ޒަހަރެއްގެ އަސަރު ކުރި ކަމަށް ޖަރުމަނުގެ އޮފިޝަލުން މީގެކުރިން ވަނީ ކަށަވަރުކޮށްދީފައެވެ.

އެއީ ރަޝިޔާގެ ޖާސޫސީ އިދާރާތަކުން، ރަޝިޔާއަށް ފާޑުކިޔާ މީސްމީހުންގެ ދުވަސް ދުއްވާލުމަށް ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ބޭނުން ކުރަމުންދާ ޒަހަރެކެވެ. އެ ޒަހަރުދީގެން ނަވަލްނީ މަރާލަން އުޅުނުކަމުގެ ތަހުމަތުވެސް ރަޝިޔާއަށް ވަނީ ކޮށްފައެވެ. ނަމަވެސް އެކަން ރަޝިޔާއިން ދޮގުކުރެއެވެ. އެ ހާދިސާއާގުޅިގެން ނަވަލްނީ ވަނީ ޖަރުމަނުވިލާތުން ފަރުވާ ހޯއްދަވައިފައެވެ.

ޕުޓިންއަށް ފާޑުކިޔާ ގިނަ ބަޔަކު ގައުމުން ބޭރުގައި ރައްކާތެރިކަން ހޯދަމުން ގެންދިޔަ ނަމަވެސް ނަވަލްނީ އިހްތިޔާރު ކުރެއްވީ ޖަރުމަނުން ފަރުވާ ހޯއްދެވުމަށް ފަހު 2021 ވަނަ އަހަރު ޖަނަވަރީ މަހު އެނބުރި ރަޝިޔާއަށް ދިއުމަށެވެ. ނަވަލްނީ އެންމެ ފަހުން ހައްޔަރުކުރީ ޖަރުމަނުވިލާތުން ރަޝިޔާއަށް ދިއުމާ ގުޅިގެންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް