އުރީދޫއާ އަލަށް ގުޅޭ ކަސްޓަމަރުންނަށް ވެސް ހައްޖު ދަތުރު ހޯދުމުގެ ފުރުސަތު

އުރީދޫގެ އިމާރާތް: ސިމެއް ނަގައިގެން ޢުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި -- ސަން ފޮޓޯ/ ނާއިޝް ނާހިދު

"ލިވް އަންލިމިޓަޑް" ކެމްޕެއިންގެ ދަށުން ދޫކުރާ ބޮޑު އިނާމު، ޙައްޖު ދަތުރު ކާމިޔާބުކުރުމުގެ ފުރުސަތު، އުރީދޫއާ އަލަށް ގުޅޭ ކަސްޓަމަރުންނަށް ވެސް ފަހިވާނެ ކަމަށް އުރީދޫ މޯލްޑިވްސްއިން އިއުލާންކޮށްފިއެވެ.

އުރީދޫއަށް 20 އަހަރު ފުރުމުގެ މުނާސަބަތުގައި އެޕްރީލް މަހު ފަށައިގެން ކުރިއަށް ގެންދާ "ލިވް އަންލިމިޓަޑް" ކެމްޕެއިންގެ ދަށުން އަށް ކަސްޓަމަރަކަށް މިހާރު ޢުމްރާ ދަތުރު ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. މި ކެމްޕެއިންގެ ބޮޑު އިނާމެއްގެ ގޮތުގައި އުރީދޫން ކަނޑައަޅާފައިވަނީ ދެ މީހަކަށް ޙައްޖު ދަތުރެކެވެ. މި ކެމްޕެއިންގެ ޚާއްސަ ކަމަކީ އަލަށް އުރީދޫއާ ގުޅޭ ކަސްޓަމަރުންނަށް ވެސް މި ދަތުރު ކާމިޔާބުކުރުމުގެ ފުރުސަތު އޮތް ކަމެވެ.

"ލިވް އަންލިމިޓަޑް" ކެމްޕެއިންގެ ދަށުން ކޮންމެ 20 ދުވަހަކުން 19 ކަސްޓަމަރުންނަށް ޢުމްރާ ދަތުރެއް ލިބޭ ގޮތަށް އުރީދޫން ކަނޑައަޅާފައިވެއެވެ. މި ހަރަކާތަކީ ކަނެކްޓިވިޓީގެ ބޭރުން އުރީދޫގެ ކަސްޓަމަރުންގެ އަގު ވަޒަންކޮށް އުރީދޫއާ އަލަށް ގުޅުނު ފަރާތްތަކަށް ދައުވަތު ދިނުމުގެ ގޮތުން ހުޅުވާލި ފުރުސަތެއްގެ ގޮތުގައި އުރީދޫން ސިފަކޮށްފައިވެއެވެ.

ބައިވެރިވާނެ ގޮތް

މި ކަމަށް ޚާއްސަ ގުރުއަތުގައި ކަސްޓަމަރުންނަށް ބައިވެރިވެވޭނީ 30 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ތިރީގައި މިވާ ކަންކަން ފުރިހަމަކޮށްގެން ކަމަށް އުރީދޫ އިން ބުނެފައިވެ އެވެ.

• ބިލް ދެއްކުމަށް ނުވަތަ އެޑް-އޮން ކުރުމަށް 250 ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ހޭދަކުރުން.
• އަލަށް ގުޅޭ ކަސްޓަމަރުން ބިލް ދެއްކުމަށް ނުވަތަ އެޑް-އޮން ކުރުމަށް މަދުވެގެން 400 ރުފިޔާ ހަރަދުކުރުން.
• އުރީދޫގެ ޚިދުމަތް (ކޯލް ނުވަތަ ޑޭޓާ) 30 ދުވަހުގެ ތެރެއިން މަދުވެގެން 25 ދުވަހު ބޭނުންކުރުން.

އުރީދޫން މައުލޫމާތުދޭ ގޮތުގައި ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަ ނެޓް ކަސްޓަމަރުންނަށް މި ޕްރޮމޯގައި ބައިވެރިވެވޭނެއެވެ. އުރީދޫން ބުނީ، މި ޑްރޯގައި ބައިވެރިވުމަށް ޝަރުތު ހަމަވާ ހުރިހާ ކަސްޓަމަރުން އޮޓަމެޓިކުން ގުރުއަތު ނެގުމަށް ހަމަޖެހިފައިވާއިރު، ކެމްޕެއިން މުއްދަތުގެ ތެރޭގައި ނަސީބުވެރިން ހޮވޭނެ ކަމަށެވެ.

"ލިވް އަންލިމިޓަޑް ކެމްޕޭނާ އެކު އަޅުގަނޑުމެންގެ އަމާޒަކީ އުރީދޫގެ މިހާރުގެ ކަސްޓަމަރުން އަދި އަލަށް ގުޅޭ ކަސްޓަމަރުންގެ އަގުވަޒަން ކުރުން. މި ކެމްޕޭނުން ދައްކުވައިދެނީ ޓެކްނޮލޮޖީއާއި ކަނެކްޓިވިޓީއިން ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަކުރުމަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދެވިދާނެކަން،" މި ކެމްޕެއިނާ ގުޅޭގޮތުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވިވެ.

އުރީދޫ މޯލްޑިވްސްގެ އަހަރީ ދުވަސް ފާހަގަކުރާއިރު، އެ ކުންފުނިން އަބަދު ވެސް އަންނަނީ ކަސްޓަމަރުންނަށް ފުރިހަމަ ކަނެކްޓިވިޓީއާ އެކު ދިރިއުޅުން ފުރިހަމަކޮށްދެވޭނެ އިތުރު ފުރުސަތުތައް ފަހިކޮށްދެމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް