7 ލައްކަ ޑޮލަރަށް، އަމީތާބު އިތުރު ބިމެއް ގަނެފި

އިންޑިއާގެ އެކްޓަރު އަމީތާބް ބައްޗަން--ފޮޓޯ/ބޮލީވުޑްހަންގާމާ

އިންޑިއާގެ ލެޖެންޑަރީ އެކްޓަރު އަމީތާބް ބައްޗަން އަނެއްކާ ވެސް އިތުރު ބިމެއް ގަނެފައިވާއިރު، މި ފަހަރު ގަނެފައިވާ ބިމުގެ އަގު 6.6 ކްރޯޑު ރުޕީސް ( 793،000 އެމެރިކާ ޑޮލަރަ)ށް އަރާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އިންޑިއާގެ ރިއަލް އެސްޓޭޓް ވިޔަފާރީގެ ތެރޭގައި އެންމެ މަޝްހޫރު އެއް ނަން ކަމަށްވާ އަމީތާބް އެންމެ ފަހުން ގަނެފައިވަނީ ބޮލީވުޑްގެ ވަރަށް ގިނަ ތަރިންގެ އަމިއްލަ ޕްރޮޕަޓީތައް މިހާރު ވެސް ހުރި އަލީބާގްގައި އޮންނަ ތިން ޕްލޮޓްގެ މައްޗަށް އެކުލެވޭ ބިމެކެވެ.

މި ޕްލޮޓްތަކަކީ އަލީބާގްގެ ދެވަނަ ފިޔަވަހި ސަރަހައްދުގައި އޮތް ބިމެއް ކަމަށާއި އެ ބިންތައް އަމީތާބަށް ވިއްކާފައިވަނީ ހޯބަލް ލޭންޑްބިލްޑް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަމީތާބް ދަރިފުޅު އަދި އެކްޓަރު އަބީޝޭކް ބައްޗަންއާ އެކު--ފޮޓޯ/ޕިންކްވިލާ

އަލީބާގްއަކީ އިންޑިއާގެ ފިލްމީ ތަރިންގެ އިތުރުން އެ ޤައުމުގެ ވިޔަފާރިވެރިންނާއި ހައި ޕްރޮފައިލް މީހުން އެންމެ ގިނައިން ކުރު ޗުއްޓީ ހޭދަކުރުމަށް ޒިޔާރަތްކުރާ އެއް ތަނެވެ.

އިންޑިއާގެ މުމްބާއީ މެޓްރޯޕޮލިޓަން ރީޖަންގެ ބައެއް ކަމަށްވާ އަލީބާގްގައި އަމިއްލަ ލަގްޒަރީ ފާމް ހައުސް އަދި ލަގްޒަރީ ގެތައް ހުންނަ ސެލެބްރިޓީންގެ ތެރޭ ޝާހްރުކް ޚާންގެ ދެމަފިރިން، އަނުޝްކާ ޝަރުމާގެ ދެމަފިރިން، ދީޕިކާ ޕަދުކޯންގެ ދެމަފިރިން، ކްރިތީ ސެނޮން، ރާހުލް ކަންނާ އަދި ކާތިކް އާރްޔަންގެ އިތުރުން އަމީތާބް ބައްޗަން ވެސް ހިމެނެއެވެ.

އަމީތާބްގެ މިލްކިއްޔާތުގައި މިހާރު ވެސް މުމްބާއީގެ އެންމެ ލަގްޒަރީ އަދި އަގު ބޮޑު ހިސާބު ކަމަށްވާ ޖުހޫގެ ފަސް ލަގްޒަރީގެ ހުރިއިރު އިންޑިއާގެ އެހެނިހެން ސްޓޭޓްތައް ކަމަށްވާ އަޔޯދާ، އުއްތަރު ޕްރަދޭޝް، ބޮރިވާލީ އަދި އޯޝިވާރާ ފަދަ ސްޓޭޓްތަކުގައި ވެސް އަމީތާބްގެ އަމިއްލަ ބިންތައް އެބަހުއްޓެވެ.

އިންޑިއާގެ ތަފާސްހިސާބުތައް ދައްކާގޮތުން ބޮލީވުޑްގައި މިހާރު ވެސް ވަރަށް ހަރަކާތްތެރިކޮށް މަސައްކަތް ކުރަމުން އަންނަ އެކްޓަރު އަމީތާބްގެ މިލްކިއްޔާތުގެ އަގު 33 މިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.

comment ކޮމެންޓް