އެމްއެމްއޭއިން 2.5 ބިލިއަން އިންވެސްޓްކުރުމަކީ ހަމަ ފައިސާ ޗާޕުކުރުން: ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: އެ މަނިކުފާނު ގެންދަވަނީ ސިލްސިލާ ޖަލްސާތައް ބާއްވަވަމުން -- ސަން ފޮޓޯ/ މޫސާ ނަދީމް

މަރުކަޒީ ބޭންކް، އެމްއެމްއޭއިން ޕެންޝަން ފަންޑަށް 2.5 ބިލިއަން ރުފިޔާ އިންވެސްޓްކުރުމަށް ފަހު، އެ ފައިސާ ޕެންޝަން އޮފީހުން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓްކުރުމުގެ އިގުތިސާދީ ނަތީޖާއަކީ ހަމަ ފައިސާ ޗާޕުކުރުމުގެ ނަތީޖާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

ޕެންޝަން އޮފީހާ ގުޅިގެން އެމްއެމްއޭއިން ސެކަންޑަރީ މާކެޓުގައި ސަރުކާރުގެ ބޮންޑެއް ވިއްކަން މިދިޔަ ހަފުތާގައި ޕެންޝަން އޮފީހުގެ ބޯޑުން ވަނީ ފާސްކޮށްފައެވެ.

އެ މުއާމަލާތާ ގުޅިގެން އިދިކޮޅު ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެކަމަކު، އެއީ ފައިސާ ޗާޕުކުރުން ނޫން ކަމަށް ސަރުކާރުގެ އެކި ފަންތީގެ އޮފިޝަލުން އަންނަނީ ވިދާޅުވަމުންނެވެ. އެ މުއާމަލާތާ ގުޅިގެން ފިނޭންސް މިނިސްޓްރީގެ ރަސްމީ ބަހެއް މިހާތަނަށް ލިބިފައިނުވި ނަމަވެސް އެއީ ހަގީގަތެއްކަން ވަނީ އެނގިފައެވެ.

އެ މުއާމަލާތާ ގުޅިގެން ޕީއެންއެފްގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ، މިދިޔަ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި ފައިސާ ޗާޕުކުރުމުން އެ ކަމަށް ހަޖޫޖެއްސެވި ބޭފުޅުންގެ ތެރޭގައި އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވާނެ ކަމަށެވެ.

https://sun.mv/203523

"ތެދެއްމެ، އެކަމަކު މި ސަރުކާރުން އައިސް އެ ކަންކަން ރަނގަޅުކުރަން ކަމެއް ކުރިހެއްޔޭ؟ ނުކުރޭ. އިތުރަށް ގޯސް މި ކުރަނީ،" ޔާމީން ތުހުމަތުކުރެއްވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ޕެންޝަން އޮފީހުގެ ފިސްކަލް ޓޫލްއެއް ގަންނަން އެމްއެމްއޭއިން ބޭނުންކުރާނީ ރިޒާވްގައި ބަހައްޓާފައި ހުރި ފައިސާ ކަމަށެވެ. އެއީ، ދައުރުވާ ނުވަތަ ސާކިއުލޭޝަންގައި ހުރި ފައިސާ ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެ ފައިސާއާ ހެދި އިންފްލޭޝަން މައްޗަކަށް ނުދާނެ، ޑޮލަރުގެ އަގު އިތުރަކަށް ދިވެހި ރުފިޔާގެ ނިސްބަތުން ބޮޑުވެގެން ނުދާނެ. އެއީ އެ ފައިސާއަކީ އަތްލާ އެއްޗެއް ނޫން،" އެ މަނިކުފާނު ތަފުސީލުކޮށްދެއްވިއެވެ.

ޔާމީން ވިދާޅުވީ، އެގޮތަށް އެއް ފަރާތްކޮށްފައި ހުންނަ ފައިސާ އިގުތިސާދަށް ނެރުމެކޭ، ޗާޕުކޮށްގެން އާ ނޫޓު ގެނައުމެކޭ ވާނީ އެއްގޮތް ކަމަށެވެ. ދެ މުއާމަލާތުގެ އިގުތިސާދީ ނަތީޖާއަކީ ވެސް ފައިސާ ޗާޕުކުރުމުގެ ނަތީޖާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

https://sun.mv/203558

"އެ ފައިސާ މި ލިބެނީ މިނިސްޓްރީ އޮފް ފިނޭންސަށް ނޫނިއްޔާ ސަރުކާރަށް ބޭނުންވާ ކަމަކަށް. މި ދައްކަނީ ދެ ބިލިއަންގެ ވާހަކަ. އެއީ ހަމަ ނޫޓު ޗާޕުކުރުމުގެ ނަތީޖާ ނުކުންނަނީ. އެކަމަކު، ތެދެއްމެ، މި ވެނި ދުވަހަކު އިހަށް ދުވަހު ނޫޓު ޗާޕު ޖަހައިގެން ގެނައިއްޔަކީ ނޫން،" އިގުތިސާދީ ދާއިރާއިން ކިޔަވާ ވިދާޅުވެގެން ހުންނެވި ޔާމީން ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެމްއެމްއޭއިން ޕެންޝަން އޮފީހުގެ ފަންޑަކަށް އިންވެސްޓްކުރުމުން، ޕެންޝަން އޮފީހުން އެ ފައިސާ ސަރުކާރުގެ ބޮންޑަކަށް އިންވެސްޓްކުރަނީއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެ މުއާމަލާތަކީ ފައިސާ ޗާޕުކުރުން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، އެއީ ޚަރަދަށް ޒިންމާވުމުގެ ގާނޫނާ ވެސް ޚިލާފަށް ސަރުކާރުން ކުރާ ކަމެއް ކަމަށެވެ.

މީގެ ކުރިން އެމްއެމްއޭއިން ހުޅުމާލޭގައި ހުރި ބިމެއް ގަނެގެން 15 ބިލިއަން ރުފިޔާ 'ޗާޕުކުރުމުގެ' މުއާމަލާތެއްގެ މައްސަލަ ވެސް ފެންމަތިވިއެވެ. އޭރު، އުޅުނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ދަށުގައި އޮތް ބޮޑު ބިމެއް 15 ބިލިއަން ރުފިޔާއަށް އެމްއެމްއޭއަށް ވިއްކާށެވެ.

ފިނޭންސް މިނިސްޓަރު ޒަމީރާއި ރައީސް މުއިއްޒު: ފައިސާ ޗާޕުކުރަން އުޅޭކަމުގެ ކަންބޮޑުވުން ވަނީ ބޮޑުވެފައި -- ފޮޓޯ/ ރައީސް އޮފީސް

އެކަމަކު، އެ މުއާމަލާތުގެ ވާހަކަ ފެންމަތިވުމާ އެކު ގިނަ ބަޔަކު ވަނީ އެއީ ފައިސާ ޗާޕުކުރުން ކަމަށް ބުނެ ނުރުހުން ފާޅުކޮށްފައެވެ. އެ ހިސާބުން އެ މުއާމަލާތުގެ ކަންކަން މަޑުޖެހުނެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ފައިސާ ޗާޕުނުކުރައްވާނެ ކަމަށް ވައުދުވެލައްވައިގެންނެވެ.

އެ މަނިކުފާނުގެ ސަރުކާރުގެ އިގުތިސާދީ އެންމެ ބޮޑެތި ކާމިޔާބީތަކުގެ ތެރޭގައި ވެސް ފައިސާ ޗާޕުނުކުރުން ހިމަނުއްވާފައިވެއެވެ. މިދިޔަ ސަރުކާރުގައި ފައިސާ ޗާޕުކުރުމުގެ ސަބަބުން އިގުތިސާދަށް ލިބުނު ގެއްލުން އަދިވެސް ފޫނުބެއްދޭ ކަމަށް ވެސް ސަރުކާރުން މީގެ ކުރިން ބުނެފައިވެއެވެ.

ރާއްޖޭގެ އިގުތިސާދީ ހާލަތު ގޯސްވެ، ދަރަނި ނުދެއްކިދާނެކަމުގެ ބިރުވެރިކަން އެބައޮތެވެ.

މި އަހަރާއި އަންނަ އަހަރު ބޮޑެތި އަދަދުތައް ދަރަންޏަށް ދައްކަންޖެހޭއިރު އަންނަ އަހަރު އެކަނި ވެސް 1.1 ބިލިއަން ޑޮލަރު ދަރަންޏަށް ދައްކަން ޖެހެއެވެ. އެ ފައިސާ ނުދެއްކިދާނެކަމުގެ ބިރު ބޮޑުވެ، ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީތަކުން ރާއްޖެއަށް ދީފައި އޮތީ 'ޖަންކް' ރޭޓިންއެކެވެ.

comment ކޮމެންޓް