ފިލްމު 'ބޫލް ބުލައްޔާ'ގެ ހަތަރު ވަނަ ބައެއް ވެސް ގެނެސްދޭނެކަން އިއުލާނުކޮށްފި

އެކްޓަރު ކާތިކް އާރިއަން އަދި ޑައިރެކްޓަރު އަނީސް ބަޒްމީ--ފޮޓޯ/ހިންދުންސްތާންޓައިމްސް

ޑައިރެކްޓަރު އަނީސް ބަޒްމީގެ ކެރިއަރުގެ އެންމެ މަގުބޫލު ފްރެންޗައިސް ކަމަށްވާ "ބޫލް ބުލައްޔާ"ގެ ހަތަރު ވަނަ ބައެއް ވެސް ގެނެސްދޭނެކަން އަނީސް ކަށަވަރުކޮށްދީފިއެވެ.

އަނީސް ބަޒްމީ އެކަން ކަށަވަރުކޮށްދީފައި ވަނީ މިދިޔަ އަހަރު ގެނެސްދިން ފިލްމު "ބޫލް ބުލައްޔާ 3" ގެނެސްދިންތާ އިއްޔެ އަހަރެއްވުމާ ގުޅިގެންނެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ބޮލީވުޑް ހަންގާމާއަށް ދިން އިންޓަވިއުއެއްގައި އަނީސް ބުނީ މަގުބޫލު ހޮރޯ-ކޮމެޑީ ފްރެންޗައިސްގެ ހަތަރު ވަނަ ބައި އުފެއްދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން ފިލްމުގެ ސްކްރިޕްޓް އެކުލަވާލުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް އަނީސް ވަނީ ބުނެފައެވެ.

ފިލްމު "ބޫލް ބުލައްޔާ"ގެ ދެވަނަ އަދި ތިން ވަނަ ބައި އެކްޓަރު ކާތިކް އާރިއަންއާ އެކު ގެނެސްދިން އިރު އެ ދެ ފިލްމަށް ވެސް ބެލުންތެރިންގެ ހޫނު ތަރުހީބެއް ލިބިފައިވާ ކަމަށާއި އެހެންވެ ހަތަރު ވަނަ ފިލްމު ވެސް ގެނެސްދޭނީ ކާތިކްއާ އެކު ކަމަށް އަނީސް ވަނީ ބުނެފައެވެ.

ފިލްމު "ބޫލް ބުލައްޔާ 4"ގެ ޕްރޮމޯޝަން އިވެންޓެއްގައި ކާތިކް ބަތަލާ ވިދިޔާއާ އެކު--ފޮޓޯ/ޓައިމްސްނައު

ހަމައެއާއެކު ފިލްމުގައި ކާތިކް ކުޅޭ ކެރެކްޓާއަށް ކޮންމެ ފަހަރަކުވެސް މަސައްކަތްކޮށްފައި ވަނީ ވަރަށް އިންސާފުވެރިކަމާ އެކު ކަމަށާއި ފިލްމު "ބޫލް ބުލައްޔާ"ގެ އިތުރުން އެހެން ކޮމެޑީ ފިލްމުތަކެއް ވެސް ކާތިކާ އެކު އުފެއްދުމަށް ނިންމާފައިވާ ކަމަށް އަނީސް ވަނީ ބުނެފައެވެ.

ކާތިކް އާރިއަން، ތުރިޕްތި ދިމްރީ، ވިދިޔާ ބާލަން އަދި މަދޫރީ ޑިކްސިޓް މުހިއްމު ރޯލްއިން ފެނުނު "ބޫލް ބުލައްޔާ 3" ގެނެސްދިނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހުއެވެ.

މަޝްހޫރު ފިލްމު ޕްރޮޑަކްޝަން ކުންފުނި ޓީ-ސީރީސްގެ ދަށުން ގެނެސްދިން "ބޫލް ބުލައްޔާ" އަކީ ޕްރޮޑިއުސަރު ބުޝަން ކުމާރުގެ ކެރިއަރުގެ ވެސް އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ފިލްމުތަކުގެތެރޭ ހިމެނޭ ފިލްމެކެވެ.

comment ކޮމެންޓް