ސާއި އަކީ މުޅި އިންޑިއާގައި ވެސް ހުރި އެންމެ މޮޅު ބަތަލާ: އާމިރު

އިންޑިއާގެ ބަތަލާ ސާއި ޕައްލަވީ--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އާމިރު ޚާން ވަނީ ދެކުނު އިންޑިއާގެ ކާމިޔާބު ބަތަލާ ސާއި ޕައްލަވީއަކީ މުޅި އިންޑިއާގައި ހުރި އެންމެ މޮޅު އަދި އެންމެ ހުނަރުވެރި ބަތަލާ ކަމަށް ސިފަކޮށްފައެވެ. އާމިރު ޚާން މިފަދައިން ބުނެފައިވަނީ އޭނާގެ އަމިއްލަ ފިލްމު ކުންފުނިން ޕްރޮޑިއުސްކޮށް ބެލުންތެރިންނާ ހަމައަށް ގެނެސްދޭ އާ ފިލްމު އޭކް ދިން ޕްރޮމޯޓްކުރުމަށް މުމްބާއީގެ އެސްއެންޑީޓީ ކޮލެޖުގައި ބޭއްވި ހާއްސަ މިއުޒިކް އިވެންޓެއްގައި ވާހަކަ ދައްކަމުންނެވެ. މި ހަފުލާގައި ފިލްމުގެ ޓައިޓަލް ލަވަ ވަނީ އެތަނަށް އެއްވެ ތިބި މީހުންނަށް ދައްކާލާފައެވެ. ފިލްމުގެ ޓްރެއިލާ ދެއްކި ވަގުތު އާމިރު ޚާން ވަރަށް ބޮޑަށް ޖަޒުބާތުގައި ޖެހި ފެންކަޅިވެފައި ހުރިކަން މީޑިއާތަކުން ވަނީ ފާހަގަކޮށްފައެވެ. އޭނާ ވަނީ މި ފިލްމުގައި މަސައްކަތްކުރި ހުރިހާ ފަރާތްތަކުން ދެއްކި އިހުލާސްތެރިކަމާއި ބުރަ މަސައްކަތަށްޓަކައި ޕްރޮޑިއުސަރެއްގެ ހައިސިއްޔަތުން ވަރަށް ބޮޑަށް ޝުކުރުވެރިވާކަން ހާމަކޮށްފައެވެ.

  • އާމިރު ޚާންގެ އާ ފިލްމު އޭކް ދިން ގައި ސާއި ޕައްލަވީ އަދި ޖުނައިދު ޚާން ހަރަކާތްތެރިވުން
  • ސާއި ޕައްލަވީއަކީ އިންޑިއާގެ އެންމެ މޮޅު ބަތަލާ ކަމަށް އާމިރު ސިފަކުރުން
  • މި ފިލްމަކީ ސާއި ބޮލީވުޑަށް ތައާރަފުވާ ފިލްމު ކަމަށްވުން
  • ފިލްމު އޭކް ދިން މި އަންނަ ހުކުރު ދުވަހު ރިލީޒްކުރުން

ދެކުނު އިންޑިއާގެ މަޝްހޫރު ބަތަލާ ސާއި ޕައްލަވީ އަކީ މުޅި އިންޑިއާގައި ވެސް ހުރި އެންމެ މޮޅު ބަތަލާ ކަމަށް ބޮލީވުޑްގެ އެކްޓަރު އާމިރު ޚާން ބުނެފިއެވެ.

އާމިރުގެ އަމިއްލަ ފިލްމު ކުންފުނިން އެކްޓަރު ޕްރޮޑިއުސްކޮށް ގެނެސްދޭ އާ ފިލްމު "އޭކް ދިން" ޕްރޮމޯޓް ކުރުމަށް ބޭއްވި ހަފުލާއެއްގައި ވާހަކަ ދައްކަމުން، އާމިރު ވަނީ ސާއިއަށް ވަރަށް ބޮޑަށް ތައުރީފުކޮށް ވާހަކަ ދައްކާފައެވެ.

މުމްބާއީގެ އެސްއެންޑީޓީ ކޮލެޖުގައި ބޭއްވި މިއުޒިކް އިވެންޓުގައި ވާހަކަ ދައްކަމުން، އާމިރު ވަނީ ފިލްމުގެ ޓައިޓަލް ލަވަ ވެސް އެތަނަށް އެއްވެ ތިބި މީހުންނަށް ކިޔައިދީފައެވެ. މި ލަވައަކީ ރާމް ސަމްޕާތުގެ މިއުޒިކަށް އަރިޖިތު ސިންގް ކިޔާފައިވާ ލަވައެކެވެ.

ފިލްމުގެ ޓްރެއިލާ ދެއްކި ވަގުތު، އާމިރު ފެނުނީ ވަރަށް ބޮޑަށް ޖަޒުބާތުގައި ޖެހި ފެންކަޅިވެފައި ހުއްޓާ ކަމަށް މީޑީއާތަކުން ވަނީ ސިފަކޮށްފައެވެ.

ފިލްމު "އޭކް ދިން"ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި އާމިރު ސާއި އަދި ޖުނައިދުއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

"ޕްރޮޑިއުސަރެއްގެ ހައިސިއްޔަތުން، މި ފިލްމުގައި މަސައްކަތްކުރި ކޮންމެ މީހަކުވެސް ދެއްކި އިހްލާސްތެރިކަމާއި ކުރި ބުރަ މަސައްކަތަށްޓަކައި އަހަރެން ވަރަށް ބޮޑަށް ޝުކުރުވެރިވަން. މިތަނުގައި އަރިޖިތު ނެތުމަކީ އުނިކަމެއް، އޭނާ ވަނީ ވަރަށް ފުރިހަމައަށް މި ލަވަ ކިޔައިދީފައި. އަދި ރާމްގެ މިއުޒިކް ވެސް އެހާމެ ފުރިހަމަ،" އާމިރު ބުންޏެވެ.

ފިލްމު "އޭކް ދިން"އިން ބޮލީވުޑްގެ ދަތުރު ފަށަން ތައްޔާރަށްހުރި ސާއިގެ އެކްޓިންއާ ގުޅޭގޮތުން އާމިރު ބުނީ، އޭނާގެ މަސައްކަތް ފެނިފައި ބެލުންތެރިން ހައިރާންވާނެ ކަމަށެވެ.

"އަހަރެންގެ ހިތުގެ އަޑިން ބުނާނަމަ، ސާއި އަކީ މިއަދު އިންޑިއާގައި ހުރި އެންމެ މޮޅު ބަތަލާ. އަހަރެންގެ ދަރިފުޅު ޖުނައިދު ވެސް މި ފިލްމުގައި ވަރަށް ރަނގަޅު މަސައްކަތެއް ކޮށްފައިވޭ، ނަމަވެސް އޭނާއަކީ އަހަރެންގެ ދަރިފުޅަށް ވާތީ އެކަމާ ބެހޭގޮތުން މާ ގިނަ ވާހަކައެއް ދައްކާކަށް ބޭނުމެއް ނޫން،" އާމިރު އިތުރަށް ބުންޏެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ މީގެ ކުރިން "ތާރޭ ޒަމީން ޕަރު" އަދި "ރަންގް ދޭ ބަސަންތީ" ފަދަ ފިލްމުތަކުގައި އާމިރާ އެކު މަސައްކަތްކޮށްފައިވާ ސުނިލް ޕާންޑޭއެވެ.

މި ފިލްމާ ބެހޭގޮތުން ވާހަކަ ދައްކަމުން ސާއި ބުނީ މި ފިލްމާ މެދު ވަރަށް ބޮޑަށް އުފާވާ ކަމަށާއި، ނަމަވެސް ހިންދީ ސިނަމާއަށް ތައާރަފުވާތީ ކޮންމެވެސް ވަރެއްގެ ޖެހިލުންވުމެއް ވެސް އެބަހުރި ކަމަށެވެ.
އާމިރުގެ ދަރިފުޅު ޖުނައިދު ވެސް ވަނީ ސާއި އާއެކު މަސައްކަތް ކުރުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ބުނެފައެވެ. އޭނާ ބުނި ގޮތުގައި، އޭނާގެ ބައްޕަ ބުނި ފަދައިން ސާއި އަކީ ހަގީގަތުގައި ވެސް އިންޑިއާގައި ހުރި އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރޭގައި ހިމެނޭ ފަންނާނެކެވެ.

އާމިރު ޚާން އަދި މަންސޫރު ޚާން ޕްރޮޑިއުސްކުރާ "އޭކް ދިން" ރިލީޒްކުރާނީ މި އަންނަ ހުކުރު ދުވަހުއެވެ.

comment ކޮމެންޓް