ޕޮއިންޓް އޮފް ސޭލްސް (ޕީއޯއެސް) މެޝިންތަކެއް ހެކްކޮށް، ކްރެޑިޓް ކާޑްތަކެއްގެ ޕާސް ވޯޑް ހޯދިކަމުގެ ތުހުމަތުގައި އެމެރިކާގެ ސީކްރެޓް ސާވިސް އެޖެންޓުން ރާއްޖޭން މިދިޔަ އަހަރު ހައްޔަރު ކުރި ރަޝިޔާގެ ރޯމަން ވަލެރިވިޗް ސްލެޒްނޯވް ހައްޔަރުކުރި ކުރުމާ ގުޅޭ ގޮތުން ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އެމެރިކާގެ ކޯޓެއްގައި އިއްޔެ ހެކިބަސް ދީފި އެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލެއްގެ ގޮތުގައި މަސައްކަތްޕުޅު ކުރައްވަނިކޮށް އޭނާގެ މައްސަލައެއް ބަލަމުންދާތީ ރާއްޖޭގެ އެއްވެސް ކޯޓެއްގައި ޝަމީމަށް ވަކާލާތު ނުކުރެވޭ ގޮތަށް ސަސްޕެންޑުކޮށްފައިވާ ޝަމީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ރާއްޖެއިން ސްލެޒްނޯވް ހައްޔަރުކުރި ކުރުމާ ގުޅޭ ގޮތުން އޭނާ އެމެރިކާގެ ފެޑެރަލް ކޯޓެއްގައި ހެކިބަސް ދެއްވާފައިވާ ކަމަށެވެ.
Just testified abt arrest procedures in MDV at US federal court in USA vs Roman Seleznov in Seattle, Washington. pic.twitter.com/tpdFdaTQGA
— Hussain Shameem (@HuShameem) December 11, 2015
ހެކިބަސް ދެއްވަމުން ޝަމީމް ވިދާޅުވެފައި ވަނީ ސްލެޒްނޯވް ރާއްޖެ އިން ހައްޔަރުކޮށްފައި ވަނީ ރާއްޖޭގެ ގާނޫނުތަކާ ހިލާފަށް ކަމަށެވެ. މީހަކު ހައްޔަރު ކުރުމުގައި ބިދޭސީ އަކާ ދިވެއްސަކާ ތަފާތު ކުރުމެއް ނޯންނާނެ ކަމަށް ވިދާޅުވެ ޝަމީމް ވިދާޅުވީ ރާއްޖޭގެ ސަރަހައްދުގައި މީހަކު ހައްޔަރު ކުރެވޭނީ ތިން ހާލަތެއްގައި ކަމަށެވެ. އެގޮތުން ސީދާ ކުށް ކުރަނިކޮށް ފެނިއްޖެ ހާލަތެއްގައާ ކުށެއް ކުރިކަމުގެ ފުރިހަމަ ހެކި ފުލުހުންނަށް ލިބިއްޖެ ހާލަތެއްގެ އިތުރުން ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރު ކުރެވިދާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.
ހުސައިން ޝަމީމް: އޭނާ ވަނީ ރާއްޖެ އިން ހައްޔަރުކުރި ރަޝިޔާގެ "ހެކަރު" ރާއްޖެ އިން ހައްޔަރުކުރި ކުރުމާއި ގުޅޭގޮތުން ހެކިބަސް ދީފައި -- ސަން ފޮޓޯ / އަލީ ނަސީރު
ސްލެޒްނޯވްގެ ވަކީލުން ބުނަމުން ދަނީ ސްލެޒްނޯވް ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި ވަކީލުން ބުނެފައި ވަނީ އޭނާއާ މެދު އެއްވެސް އެހެން ފިޔަވަޅެއް އަޅަން ކޯޓުން ނިންމޭނީ އޭނާ ހައްޔަރުކުރީ ގާނޫނާ އެއްގޮތަށް ކަން ނުވަތަ ނޫންކަން ކަނޑައެޅުމަށް ފަހުގައި ކަމަށެވެ. ސްލެޒްނޯވް ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމުން އޭނާ ވަގުތުން މިނިވަން ކުރަން ޖެހޭ ކަމަށް ވެސް ސްލެޒްނޯވްގެ ވަކީލުން ބުނެފައިވެ އެވެ.