"މިންޖުވާން މިނަމުގައި އިދިކޮޅު އެމްޑީޕީ އިސްވެއޮވެ އަދާލަތު ޕާޓީއާ ގުޅިގެން ބޭއްވި މުޒާހަރާއާ ގުޅިގެން އެ ދެ ޕާޓީ 75،000 ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެ ދެ ޕާޓީ މިފަހަރު ޖޫރިމަނާ ކުރީ އެ މުޒާހަރާގައި ގާނޫނާ ޚިލާފު ކަންތައްތަކެއް ހިންގާފައިވާތީ ކަމަށެވެ.
މުޒާހަރާތަކުގައި ކުޑަކުދިން ބައިވެރިކުރުމަކީ ގާނޫނާ ޚިލާފު ކަމެއް ކަމުގައިވާއިރު، މިންޖުވާން މުޒާހަރާގައި ކުޑަކުދިން ބައިވެރިކޮށްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
މީގެކުރިން ބޭއްވި މުޒާހަރާތަކާ ގުޅިގެން ދެ ފަހަރެއްގެ މަތިން އެ ދެ ޕާޓީ ޖޫރިމަނާކޮށްފައި ވެއެވެ. އެގޮތުން މިއަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ބޭއްވި މުޒާހަރާ އާއި މެއި މަހުގެ އެއްވަނަ ދުވަހު ބޭއްވި މުޒާހަރާ ގައި ހިނގި ހަމަނުޖެހުންތަކާ ގުޅުގެން ވެސް އެމްޑީޕީ އާއި އަދާލަތު ޕާޓީ ވަނީ ޖޫރިމަނާކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މިހާތަނަށް ޖޫރިމަނާގެ ފައިސާ އެ ދެ ޕާޓީން ދައްކާފައިނުވާ ކަމަށެވެ. ފައިސާ ނުދައްކާނަމަ އަންނަ އަހަރު ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާއިން އެބައި އުނިކުރާނެ ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.