ހެޔޮ ކަމަށް ގޮވައިލައި މުންކަރާތް މަނާ ކުރުމަކީ އެންމެންގެ ޒިންމާއެއް

ހެޔޮ ކަމަށް އަމުރު ކޮށް ނުބައި ކަންތައް މަނާ ކުރުމަކީ ޤާނޫނު ތަންފީޒު ކުރާ ފަރާތްތަކުގެ އެކަނި ޒިންމާއެއް ކަމަށް ބައެއް މީހުން ދެކޭ -- ފޮޓޯ / ކޯޕަރޭޓްމޯލްޑިވްސް.ކޮމް

މި ޒަމާނުގެ މުޖުތަމައު ތަކުގައި ކުށާއި އަޚުލާގީ މައްސަލަތަކަށް ގިނަ ފަހަރަށް ހައްލު ހޯދަނީ ޤާނޫނު ތަންފީޒު ކުރާ ފަރާތްތައް މެދުވެރި ކޮށެވެ. ނަމަވެސް އިސްލާމްދީނުގައި ވާ ގޮތުން، ކުށް މަދު ކޮށް މުޖުތަމައުގެ އަޚުލާގީ ނިޒާމު ހެޔޮ ގޮތުގައި ދެމެހެއްޓުމުގެ މަސައްކަތް އެއަށް ވުރެ މާ ފުޅާ ވެފައި ތަނަވަސް ވެގެން ވެއެވެ. އެއީ ޖަމާއަތުގެ އެންމެންގެ މައްޗަށް އޮތް ކިފާޔަތުގެ ފަރުޟެކެވެ. ވީމާ، "ހެޔޮ ކަންތަކަށް އަމުރު ކޮށް ނުބައި ކަންތައް މަނާ ކުރުން" (ٱلْأَمْرُ بِٱلْمَعْرُوفِ وَٱلنَّهْيُ عَنِ ٱلْمُنْكَرِ) މި މަބްދައު (principle) ގެ ދަށުން، ކޮންމެ މީހަކު ވެސް އެ މީހަކަށް ކުޅަދާނަ ވީ މިންވަރަކުން ނުބައި ކަންތައް މަނާ ކޮށް، ހެޔޮ ކަންތަކަށް އަމުރު ކުރުމުގެ ޒިންމާ އަދާ ކުރަން ޖެހޭނެއެވެ.

ހެޔޮ ކަންތަކަށް އަމުރު ކޮށް ނުބައި ކަންތައް މަނާ ކުރުމުގެ މަބްދައު ބަޔާން ކުރައްވައި ﷲ ވަޙީ ކުރެއްވި ބަސްފުޅުގެ މާނައިގައި ވެއެވެ. "ހެޔޮ ކަމުގެ މަގަށް ގޮވާ، އަދި ހެޔޮ ކަންތަކަށް އަމުރު ކުރާ، އަދި ނުބައި ކަންތައް ނަހީ ކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާ ހުށިކަމެވެ!" (އާލުޢިމްރާނު، 104). މީހުންގެ އަޚުލާގު ނުބައި ވެ މުޖުތަމައުގެ ހާލަތު ގޯހުން ގޯހަށް ނުދަނީސް ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅައި ސަލާމަތްތެރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމުގައި މުސްލިމުންގެ މައްޗަށް އޮތް ޒިންމާ މި އާޔަތުން އެނގެއެވެ.

ހެޔޮ ކަމަށް އަމުރު ކޮށް މުންކަރާތްތައް މަނާ ނުކޮށް ތިބެން ހެޔޮ ނުވާނެއެވެ. އެހެނިހެން އުއްމަތްތަކުގެ މައްޗަށް އިސްލާމީ އުއްމަތް މާތް ކުރެއްވި ސަބަބަކީ އެބައި މީހުން ހެޔޮ ކަންތަކަށް އަމުރު ކޮށް ނުބައި ކަންތައް މަނާ ކުރުން ކަމުގައި ﷲ އަންގަވާފައި ވެއެވެ (އާލުޢިމްރާނު، 110). އަދި ހެޔޮ ކަންތަކަށް އަމުރު ކޮށް ނުބައި ކަންތައް މަނާ ކުރުމުގައި މުއުމިނުންނަކީ އެއްބަޔަކު އަނެއް ބައެއްގެ އެހީތެރީން ކަމުގައި ވެސް އެ ކަލާނގެ އެންގެވިއެވެ (އައްތައުބާ، 71). މީގެ އިތުރުން، ހެޔޮ ކަމަށް ގޮވައިލާ ނުބައި ކަންތައް މަނާ ކުރުމަކީ މުއުމިނުންގެ އަސާސީ ސިފައެއް ކަމުގައި ﷲ އަންގަވާފައިވެއެވެ (އައްތައުބާ، 112).

ހެޔޮ ކަންތަކަށް އަމުރު ކޮށް ނުބައި ކަންތައް މަނާ ކުރުމުގެ ޒިންމާ އޮންނަނީ އެކި މީހުންގެ ނިސްބަތުގައި އެކި މިންވަރަށެވެ. އެ ގޮތުން މުންކަރާތެއް ފެންނަ ހިނދު އަތުން އެ ކަން މަނާ ކުރުމުގެ ކުޅަދާނަކަން ލިބިގެން ވާ މީހާ އަތުން އެ ކަން މަނާ ކުރުމާއި، އެ ކަމަށް ކުޅަދާނަ ނުވާ ނަމަ ދުލުން މަނާ ކުރުމާއި އަދި އެ ކަމަށް ވެސް ކުޅަދާނަކަން ލިބިގެން ނުވާ ހާލަތުގައި، ހިތުން އެ ކަމަށް އިންކާރު ކުރުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަންގަވާފައި ވެއެވެ (މުސްލިމު، 49).

މުޖުތަމައުގައި އަމާންކަން ގާއިމު ކޮށް ތަނުގެ އާއްމު ނިޒާމު ރައްކާތެރި ކޮށް ބެލެހެއްޓުމުގައި ފުލުހުންނާއި ޤާނޫނު ތަންފީޒު ކުރާ އެހެނިހެން ފަރާތްތަކުގެ ދައުރު ބޮޑު ވެފައި ކިތަންމެހައި ވެސް މުހިއްމެވެ. ނަމަވެސް އެ ފަރާތްތަކަކީ ވެސް ޤާނޫނީ އަދި ނިޒާމީ ޤައިދު (restriction) ތަކެއްގެ ތެރޭގައި މަސަކަތް ކުރާ ބައެކެވެ. އޭގެ ސަބަބުން، މުޖުތަމައުގައި މީހުން ކުރާ ނުބައި ޢަމަލުތައް ވަގުތުން ބަލައި ފިޔަވަޅު އެޅުމުގެ ކުޅަދާނަކަން ހުރިހާ ހާލަތެއްގައި އެ ފަރާތްތަކަށް ލިބިގެނެއް ނުވެއެވެ (މިލަރ، 2016)، (ކްރައުޑަރ، ސްޓާން، ޓާވޭ، 2013). މީގެ ބައެއް މިސާލަށް ބަލައިލަމާ ހިނގާށެވެ.

އާއްމު ތަންތަނަށް ކުނި އެޅުން

އާއްމު ތަންތަނަށް ކުނި އަޅާ މީހުން ބަލައި އެ ކަމަށް ފިޔަވަޅު އެޅުމަށް ވަށައިގެން ފުލުހުން ނުތިބެ ދާނެއެވެ. އެ ފަދަ ހާލަތުގައި، އެ ގޮތަށް ކަންތައް ކުރާ މަންޒަރު ފެންނަ އާއްމު މީހާ، އެ ކަން އިސްލާހު ކުރުމަށް ޓަކައި ޙިކުމަތްތެރި ކަމާ އެކު ވާހަކަ ދައްކައި ނަސޭހަތްތެރި ވާން ޖެހޭނެއެވެ. އޭރުން އެއީ، ކުޑަ ކަމަކުން އުފެދި ދާނެ ބޮޑެތި މައްސަލަތައް ހުއްޓުވައި ރަނގަޅު އާދަތަކަށް ހިތްވަރު ދިނުމަށް ޓަކައި ފަރުދީ އަދި އިޖުތިމާއީ ގޮތުން އެޅޭނެ މުހިއްމު ފިޔަވަޅެކެވެ.

ނަމާދު ނުކުރުން

އާއްމު އުސޫލުން ބަލާ އިރު، އެތައް ހާސް މީހުންނެއް ދިރި އުޅޭ ތަނެއްގައި ހުރިހައި އެންމެން ފަސް ވަގުތު ނަމާދު ކުރޭތޯ ބަލައި ފިޔަވަޅު އެޅުމަކީ ރަސްމީ ފަރާތްތަކަށް ކުޅަދާނަ ކަމަކަށް ނުވެދާނެއެވެ. ނަމަވެސް ނަމާދު ނުކުރާ ނުވަތަ ނަމާދަށް ފަރުވާ ކުޑަ ކުރާ މީހާގެ އާއިލާގެ މީހުންނާއި ރަހުމަތްތެރީންނާއި ނުވަތަ އެ ނޫންވެސް މީހަކު، ހެޔޮ ހިތުން އޭނާ އަށް ނަސޭހަތް ދީ، ހެޔޮ މަގަށް އެނބުރި ދިއުމަށް ގޮވައި ލުމަކީ ٱلْأَمْرُ بِٱلْمَعْرُوفِ ގެ ތެރޭގައި ހިމެނޭ ވާޖިބެއް އަދާކުރާ ކުރުމެވެ.

ވިޔަފާރީގައި މަކަރު ހެދުން

ގަނެ ވިއްކުމުގައި މީހަކު މަކަރާއި ހީލަތް ހަދާކަން އެނގުމުން ކަމާ ބެހޭ ފަރާތަށް އެ މައްސަލަ ހުށަހެޅުމުގެ ކުރީން، އެ ޢަމަލު ހިންގާ ފަރާތަށް ނަސޭހަތް ދީ އިސްލާހު ވުމަށް އެހީތެރި ވެވިދާނެއެވެ. މި ގޮތަށް އޭނާ އަށް ހެޔޮ މަގު ބުނެ ދިނުމަކީ އޭނާގެ ގާތުގައި މަސައްކަތް ކުރާ މީހުންނާއި އަދި އޭނާގެ ކަންކަން ދަންނަ މީހުންނަށް މާ އުނދަގޫ ކަމަކަށް ނުވާނެއެވެ.

ވުމާއެކު، ހެޔޮ ކަމަށް އަމުރު ކޮށް ނުބައި ކަންތައް މަނާ ކުރުމުގައި ހަމައެކަނި ފުލުހުންނަށާއި ކަމާ ބެހޭ އެހެނިހެން އިދާރާތަކަށް ބަރޯސާ ވެ، އަމިއްލަ ނަފުސުގެ ޒިންމާ ހަނދާން ނައްތައިލައި ދެ ލޯ މަރާލައިގެން ތިބުމަކީ އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއްނޫނެވެ. އެ ގޮތަށް ކަން ކުރާ ނަމަ އެއީ މުޖުތަމައު އިސްލާހު ކުރުމުގެ މަސައްކަތް ފެށިގެން އަންނަނީ އަމިއްލަ ނަފުސާއި މުޖުތަމައުގެ އެންމެހައި އަފުރާދުންގެ ކިބައިން ކަމަށް އޮންނަ އިސްލާމީ ގަބޫލު ކުރުމާ ފުށު އަރާ ކަމެކެވެ (މުނީރު އަޙްމަދު، 2012).

ވަޒީރީ އާއި މާލިކީ (2015) ވިދާޅު ވާ ގޮތުގައި، ނުބައި ކަންތައްތައް ހުއްޓުވުމަށް ބޭނުން ވާ ބާރާއި ވަސީލަތްތައް ސަރުކާރުގައި ހުރި ނަމަވެސް، އެ ކަންތައްތައް ހުއްޓުވުމުގެ ފުރަތަމަ މަރުހަލާ އޮންނަނީ އަމިއްލަ ނަފުސާއި ޖަމާއަތުގެ އެންމެންގެ މައްޗަށް އޮންނަ ވާޖިބެއްގެ ގޮތުގައެވެ. އިބުނު ތައިމިއްޔާ (1982) ބަޔާން ކޮށް ދެއްވާފައި ވާ ގޮތުގައި، ހެޔޮ ކަންތަކަށް އަމުރު ކޮށް ނުބައި ކަންތައް މަނާ ކުރުމުގައި، ބާރާއި ވަސީލަތުގެ ގޮތުން އެންމެ އިސް ދައުރެއް އަދާ ކުރެވޭނީ އަދި އަދާ ކުރަން ޖެހޭނީ ޙުކޫމަތަށް (ރާއްޖޭގައި ނަމަ ތިންބާރާއި މިނިވަން މުއައްސަސާތަކަށް) ކަމަށް ވިޔަސް، އެއީ އެންމެންގެ މައްޗަށް އޮންނަ ކިފާޔަތުގެ ފަރުޟެކެވެ. އެ މީހަކަށް ކުޅަދާނަ ވީ މިންވަރަކުން ކޮންމެ މީހަކު ވެސް އެ ވާޖިބު އަދާ ކުރަން ޖެހޭނެއެވެ.

ވީމާ އިސްލާމީ އަޚުލާގާއި ތަނުގެ ޤާނޫނާއި ޤަވާއިދުތަކާއި އަދި އާއްމު ޢުރުފާ ޚިލާފު، އެކަށީގެން ނުވާ ޢަމަލެއް މީހަކު ކުރަނިކޮށް ފެންނަ ހިނދު، އެ ކަން މަނާ ކުރުމުގެ ކުޅަދާނަ ކަމާއި ފުރުސަތު އޮތް ނަމަ ލަސް ނުކޮށް އެ ވާޖިބު އަދާ ކުރަން ވާނެއެވެ. މިސާލަކަށް، ބިރުވެރިކަން އުފެދޭ ގޮތަށް ނުވަތަ ނުރައްކާތެރި ކޮށް ދުއްވާ މީހާ އާއި ދުއްވަމުން ފޯނު ބޭނުން ކުރާ މީހާ އާ ވާހަކަ ދައްކައިލެވޭނެ ފުރުސަތެއް ލިބިއްޖެ ނަމަ ޙިކުމަތްތެރި ކަމާއި ރަޙުމާއި އޯގާތެރި ކަމާ އެކު އޭނާ އާ ވާހަކަ ދައްކައިލެވިދާނެއެވެ. ނުވަތަ އެ ނޭދެވޭ ޢަމަލު ހުއްޓައި ލުމަށް އިޝާރާތުން އެދެވިދާނެއެވެ. ގަބޫލު ކޮށް އިސްލާހު ކުރާ މީހުން ތިބޭނެ ކަން އަހުރެން އެބަ ތަޖުރިބާ ކުރަމުއެވެ. ގިނަ ބަޔަކު މި ގޮތަށް ޢަމަލު ކުރާން ފަށައިފި ނަމަ މުޖުތަމައުގައި ހުރި މި ފަދަ އަޚުލާގީ ބަލިތަކަށް - ﷲ ގެ އިރާދަފުޅާ އެކު - ފަރުވާ ލިބި، މުންކަރާތްތަކާއި ގޯސް އާދަތައް މަދުވެ އަމާންކަން ގާއިމު ވާ މަންޒަރު ފެންނާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް