ޒުވާނުންތަކެއް، އުނގެނުމުގެ ހަރަކާތެއްގައި ބައިވެރި ވަނީ -- ފޮޓޯ / ޕީސްއިންފްރާސްޓްރަކްޗާސް.އޯގް

މީސްތަކުން - ޚާއްސަކޮށް ޒުވާނުން - ގެ އުޅުމާއި އަޚުލާގު ގޯސް ވަމުން ދާ ކަމުގެ ކަންބޮޑުވުން އިންތިހާއަށް އޮތް މި ޒަމާނުގައި، ރަނގަޅު ނަމޫނާގެ ގޮތުގައި ބަލާނެ ފަރާތްތައް ވަރަށް ބޮޑަށް މަދު ވެއްޖެއެވެ. ކަން މިހެން އޮއްވައި، ދާދި ފަހުން ފިހާރައެއްގެ ތެރެއިން ބައްދަލު ވި ޒުވާނެއްގެ ފަރާތުން ވަރަށް އާދަޔާ ޚިލާފު ކަމެއް ފެނުނެވެ. ތެދުވެރިކަމާއި އަމާނާތްތެރިކަމުގެ ސިފައެވެ. ﷲ އަށް ބިރުވެތި ވެ މަސައްކަތުގައި އިޚުލާސްތެރި ވުމުގެ މާތް އަޚުލާގެވެ. އަމިއްލަ އެދުން އެއްފަރާތް ކޮށް އަނެކާ އަށް އިސްކަން ދީ އޯގާތެރި ހިނިތުން ވުމާ އެކު ޚިދުމަތް ދިނުމުގެ ރީތި ނަމޫނާއެވެ.

އެއީ ކުޅޭ އެއްޗެއްސާއި ޓޭންކުގައި ގެންގުޅޭ މަހާއި އެއާ ގުޅޭ ސާމާނު ވިއްކާ ފިހާރަ އެކެވެ. މަސްކޮޅެއް ގަތުމުގެ ބޭނުމުގައި އެ ފިހާރަ އަށް ދިޔަ ވަގުތު ދިވެހި ޒުވާނަކާ ބައްދަލު ވިއެވެ. ގަންނަން ބޭނުން ވާ މަސް ދައްކައިލުމުން، މިހާރު ގެންގުޅެނީ ކޮން ކަހަލަ މަސްތަކެއް ތޯ އޭނާ ސުވާލު ކުރިއެވެ. އަދި އޭގެ ތަފުސީލު ދިނުމާ އެކު، ގަންނަން ދެއްކި މަސް މިހާރު ގެންގުޅޭ މަސްތަކާ އެއްކޮށްފި ނަމަ ތަޅާފޮޅައި ހަދާނެ ކަމަށާއި އެއް ޓޭންކެއްގައި އެ ތަކެތި ގެންގުޅުން ރަނގަޅު ނުވާނެ ކަމަށް އޭނާ ބުނެ ދިނެވެ. އޭގެ ފަހުން އިތުރު ތިން ބާވަތެއްގެ މަސް ދެއްކުމުން ވެސް ހަމަ އެ ގޮތަށް ބުންޏެވެ. އަދި ޑިނގާގެ ބާވަތެއް ދެއްކުމުން، އޭތި ޓޭންކަށް ލައިފި ނަމަ މިހާރު ހުރި މަސްތައް މަރައި ހުސް ކުރާނެ ކަމަށް، ހިނިތުން ވުމާއި އޯގާތެރި ކަމާއެކު އޭނާ ކިޔައި ދިނެވެ.

އިސްވެ ދިޔަ ހާދިސާގައި ޒުވާނާ ޢަމަލު ކުރި ގޮތާ މެދު ބަލައިލަމާ ހިނގާށެވެ. ޒަމާން ދެކެމުން މިދާ ދަހިވެތި އަމިއްލަ އެދުން ބޮޑު ސުންޕާ ވިސްނުމުން ބަލާ ނަމަ، ވިޔަފާރި އަށް ލިބެން އޮތް ފައިދާތަކެއް އެ ޒުވާނާގެ ސަބަބުން އެ ވަނީ ގެއްލިފައެވެ. ވިޔަފާރީގެ ގޮތުން ބަލާ އިރު ފައިދާ ވާނީ ކަސްޓަމަރު ދައްކާހައި މަހެއް ވަގުތުން ވިއްކައި ލުމުން ނޫން ހެއްޔެވެ؟ އަދި ކަސްޓަމަރު މިހާރު ގެންގުޅޭ މަސްތައް މަރައިލާ ކަހަލަ މަސްތަކެއް ގެންގޮސް ޓޭންކަށް ލުމުން، އޭގައި ހުރި މަސްތައް މަރުވުމުން އަނެއްކާ ވެސް މަސް ގަންނަން ތަކުރާރު ކޮށް އެ ފިހާރަ އަށް ދާ ނަމަ އެ ތަނަށް ފައިދާ ވާނެ ނޫން ހެއްޔެވެ؟ ނަމަވެސް ޒުވާން ސޭޓު އިޚުތިޔާރު ކޮށްފައި އެ ވަނީ ކަސްޓަމަރަށް ގެއްލުން ދީގެން ވިޔަފާރީގެ ފައިދާ ހޯދުމެއް ނޫނެވެ. އޭނާ އިޚުތިޔާރު ކުރީ ތެދުވެރިކަމާއި އިޚުލާސްތެރި ކަމެވެ. ﷲ އަށް ބިރުވެތި ވުމާއި ވިޔަފާރީގައި މަކަރު ނުހެދުމެވެ. މުސްލިމުން ވިޔަފާރި ކުރަން ޖެހޭ ގޮތަކީ އެއީއެވެ.

އިސްލާމްދީން އަންގަވަނީ ހުރިހައި މުޢާމަލާތެއްގައި ވެސް ތެދުވެރިކަމާއި ނަޒާހަތްތެރިކަން އިސް ކުރުމަށެވެ. ދޮގާއި މަކަރު ނުހެދުމަށެވެ. އޮޅުވައި ނުލައި ހަގީގަތް ހާމަ ކުރުމަށެވެ (އައްތައުބާ: 119)، (އަލްބަޤަރާ: 283)، (މުސްލިމް: 101)، (އަޙްމަދު: 12567). ވިޔަފާރީގައި ތެދުވެރި ވުމަށް އަންގަވައި ﷲ ވަޙީ ކުރައްވާފައި ވެއެވެ. أَوْفُوا الْمِكْيَالَ وَالْمِيزَانَ بِالْقِسْطِ ۖ وَلَا تَبْخَسُوا النَّاسَ أَشْيَاءَهُمْ (ހޫދު: 85). "... ތިޔަބައިމީހުން މިނުމާއި، ކިރުން، ޢަދުލަށް ފުރިހަމަކުރާށެވެ! އަދި މީސްތަކުންނަށް އެއުރެންގެ ތަކެތި އުނި ނުކުރާށެވެ! .." މި ފަދަ އަނެއް ބަސްފުޅަކީ މިނެކިރުމުގައި މަކަރު ހަދައި، ގަންނަ ފަރާތަށް ގެއްލުން ދޭ މީހާ އަށް ﷲ ގެ ޙަޟުރަތުން ގެއްލުމާއި ހަލާކު ހުރި ކަމަށް އަންގަވާފައި ވާ އިންޒާރުގެ ބަސްފުޅެވެ (އަލްމުޠައްފިފީން: 1-3). ހަމަ މިއާ އެކު، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ. "ﷲ އަށް ތަޤުވާވެރި ވެ ވިޔަފާރީގައި ތެދުވެރި ވެއްޖެ މީހަކު ފިޔަވައި، އެންމެހައި ވިޔަފާރިވެރިން މަޙުޝަރު ކުރެވޭނީ ފާޖިރުންގެ ގޮތުގައެވެ" (ތިރުމިޛީ: 1210).

އިސްވެ ބުނިހެން ދުނިޔެވީ ނަޒަރުން ބަލާ އިރު، ޒުވާނާ ޢަމަލު ކުރި ގޮތުން ވިޔަފާރި އަށް ގެއްލުން ވުމުގެ ފުރުސަތު އޮތް ކަމަށް ފެނުނު ނަމަވެސް ހަގީގަތުގައި، އޭނާ ކަންތައް ކުރި ގޮތުން ވިޔަފާރި އަށް ވާނީ ފައިދާ އެވެ. މުޢާމަލާތު ތަކުގައި މަކަރު ހަދައި އޮޅުވައިލުން ހައްދު ފަހަނަ އަޅާފައި ވާ މި ޒަމާނުގައި، އެ ޒުވާނާގެ ފަރާތުން ފެނުނު "ނާދިރު" ސިފަތަކާ މެދު އަޖައިބު ވެ އޭނާގެ ރަނގަޅު ކަމުގެ ވާހަކަ ދެއްކުމަކީ ވެސް އޭނާގެ ވިޔަފާރީގައި ބަރަކާތް އިތުރު ވެއްޖެ ކަމުގެ ދަލީލެކެވެ. އޭނާގެ ރަނގަޅު ސިފަތައް ފެނިއްޖެ ކޮންމެ މީހަކުމެ އެ ފިހާރަ އަށް ވިޔަފާރި ކުރަން ދާ ހިތް ވާނެއެވެ. އަދި އެ ޒުވާނާ އާ ބެހޭ ގޮތުން ހެޔޮ ވާހަކަ ދެކެވި އެއީ ރަނގަޅު ތެދުވެރިއެއްގެ ގޮތުގައި ފާހަގަ ކުރެވޭނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ވިއްކާ މީހާ އާއި ގަންނަ މީހާ ވިޔަފާރީގައި ތެދުވެރި ވެ ހަގީގަތް ހާމަ ކޮށްފި ނަމަ، އެ ވިޔަފާރިއެއްގައި ﷲ ބަރަކާތް ލައްވާނެތެވެ. އަދި އެ ބައިމީހުން ދޮގު ހަދައި ހަގީގަތް ސިއްރު ކޮށްފި ނަމަ އެ ވިޔަފާރީގެ ބަރަކާތް ކަނޑުއްވާނެތެވެ" (ބުޚާރީ: 2110).

ކަސްޓަމަރު ބޭނުންވި ބާވަތުގެ މަސް ގަނެފިނަމަ ލިބިދާނެ ކަމަށް ލަފާ ކުރެވޭ ގެއްލުން އޭނާ އަށް ބުނެދީ ހަގީގަތް ހާމަ ކޮށް ތެދުވެރިކަން އިސްކޮށްގެން ޒުވާނާ އެ ވަނީ މުސްލިމުން ވިޔަފާރި ކުރަން ޖެހޭ ގޮތުގެ ރީތި މިސާލެއް ދައްކާފައެވެ. ދޮގާއި މަކަރާއި ހީލަތުން ފުރިފައި ވާ އިޝްތިހާރާއި އެ ފަދަ ވާހަކަތައް ނުދައްކައި، ކަސްޓަމަރުންގެ "ހިތް އަތުލައި ގަންނާނެ" ގޮތުގެ ފުރިހަމަ ނަމޫނާއެއް ދައްކައި ދީފައެވެ. މިފަދަ ތެދުވެރި ވިޔަފާރިވެރިންނަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަރަށް އުފާވެރި ޚަބަރެއް ދެއްވަވާފައި ވެއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. "ތެދުވެރި އަމާނާތްތެރި ވިޔަފާރިވެރިޔާ ޤިޔާމަތް ދުވަހުގައި ވާ ހުށީ ނަބީންނާއި ޞިއްދީޤުންނާއި ޝަހީދުންނާ އެކުގައެވެ" (ތިރުމިޛީ: 1209).

comment ކޮމެންޓް